ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ.
ޖުމްލަ 15 ޓީމާއެކު ދެވަނަ ޑިވިޝަން ފަށާއިރު، މިއަދު ވަނީ މުބާރާތުގެ ގުރުލުން ބާއްވާފައެވެ. ތިން ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާއިރު، ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނެއެވެ.
މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމުތަކުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ހިމެނެނީ ގްރޫޕް ބީގައެވެ. އަދި ވިކްޓަރީ ސްޕޯޓްސް ކުލަބު ހިމެނެނީ ގްރޫޕް ސީގައެވެ. މީގެ އިތުރުން ތިންވަނަ ޑިވިޝަނުގެ ތަށި ހޯދައިގެން ދެވަނަ ޑިވިޝަނަށް އެރި ބިސްބުރު ސްޕޯޓްސް ކުލަބު ވިކްޓަރީއާއެކު ގްރޫޕް ސީގައި ހިމެނޭއިރު، މަސްއޮޑި ސްޕޯޓްސް ކުލަބު ހިމެނެނީ ގްރޫޕް އޭގައެވެ.
އަންނަ އަންގާރަ ދުވަހު ދެވަނަ ޑިވިޝަނުގެ ކުޅުން ފަށާއިރު، މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. އެއަށްފަހު އޭގެ ފަސް ދުވަސް ފަހުން މުބާރާތް ފަށާނެކަމަށް ވާހަކަ ދެކެވުނު ނަމަވެސް، އެފްއޭއެމުން ފަހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު މުބާރާތް ފަށާނެކަން ހާމަކޮށްފައެވެ. ނަމަވެސް އެ ތާރީޚުގައިވެސް މުބާރާތް ފެށިފައެއް ނުވެއެވެ.
ދެވަނަ ޑިވިޝަނުގެ ކުޅުން ފަށާއިރު އެފްއޭއެމުން ވަނީ މުބާރާތުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށްވެސް ފުރަތަމަ ޑިވިޝަނުން ޖާގަދޭން އެފްއޭއެމުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ފުރަތަމަ ޑިވިޝަނުގެ އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
އަންނަ އަންގާރަ ދުވަހު ފަށާ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހެވެ. އެފްއޭއެމުން ނެރިވައިފާ ތާވަލުގައިވާ ގޮތުން ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދާނީ ހަވީރު ވަގުތު އެކަންޏެވެ. އެކަމަކު މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ސްޓެލްކޯއާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގެ ލައިޓުތައް ރަނގަޅުކޮށް، ހަވީރާއި ރޭނގަޑު މެޗުތައް ކުޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އައިރުވެސް ދަނޑުގެ ލައިޓުތައް ރަނގަޅުކުރެވިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ގިނަ ޓީމުތަކަކުން ދުރާލާ ތައްޔާރުވަމުން އަންނަ އެއް މުބާރާތެވެ. އަދި މިހާރު ދިވެހި ފުޓްބޯޅައިގައި ޓީމުތަކުން ކުރާ ޚަރަދުތަކަށް ބަލާއިރު އެންމެ އަގުބޮޑު މުބާރާތެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.