ޚަބަރު

ފައިލޭރިއާއަށް އިތުރު 6 މީހުން ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 25އަށް


  • އެންމެ ފުރަތަމަ ޕޮޒިޓިވްވީ 17 މީހުން

  • އޭގެ ފަހުން އިތުރު ބަޔަކުވެސް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު ވަނީ 25އަށް އަރާފަ

  • ޕޮޒިޓިވްވެފައިވަނީ މުޅިންވެސް ބިދޭސީން

  • އެއީ އެ ބަލި އުޅޭ ޤައުމުތަކުން ރާއްޖެ އެތެރެވެފައިވާ ބައެއް

ފައިލޭރިއާއަށް އިތުރު ހަ މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 25އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކޭސްތަކެއް ފެނުނީ ކުޅުދުއްފުށީގައި ޑިސެމްބަރު 1 އިން 19އަށް އެއިޑްސް ދުވަހާއި ގުޅުވައިގެން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕުގެ ތެރެއިންކަމަށެވެ.

މި ސްކްރީނިންގައި ޖުމްލަ 434 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 25 ބިދޭސީއަކު ފައިލޭރިއާއަށް މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީން ރާއްޖެއަށް އެތެރެވެފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ ޤައުމުތަކުންކަމަށެވެ. އެގޮތުން މި ނުރައްކާތެރި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނުމާއެކު އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެޗްޕީއޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

"ފައިލޭރިއާ" އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި ،ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރުގައެވެ.