ޚަބަރު

ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް ޕޯޓަލެއް ހަދަނީ


  • މި ޕޯޓަލުން ސީދާ ރައީސަށް ރައްޔިތުންގެ ހުށަހެޅުންތައް ހުށަހެޅޭނެ

  • ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ދަތުރުކުރައްވާނެ

  • ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް

ރައްޔިތުންގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ކަންގަތި އެވޯޑް 2023" ދިނުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އެމަނިކުފާނުގެ ފުރިހަމަ ތާއިދާއި އިތުބާރު އެބައޮތްކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ވީހާވެސް ގާތުންކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރައްވާނެކަމަށާއި، ރައްޔިތުންނާއި ގިނަގިނައިން ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ގާތަށްގޮސް، ކަންކަން އޮޅުންފިލުއްވެވުމުގެ އިތުރުން، ރައްޔިތުންގެ އެދޭ އެދުންތަކާއި ހުރި ކަންބޮޑުވުންތައް އަދި ސާފުކުރަން ބޭނުންވާ ކަންކަން ސީދާ އެމަނިކުފާނަށް ހުށަހެޅޭގޮތަށް ރައީސް އޮފީހުގައި ޕޯޓަލެއް ޤާއިމުކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭ ގޮތަށް، އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. ދަންނަވަންތޯ! އަޅުގަނޑު ދެ ފުށްފެންނަ ސަރުކާރެއް ބޭނުންވަނީ އޭގެ ޙަޤީޤީ މާނައިގައިގާ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މީގެ ފުރަތަމަ ފޯރަމް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ގަސްތުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ހަފުތާ ސާދައިގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަން. މިއީ ކޮންމެ ތިންމަހުން އެއް މަހު އޮންނާނެ ޕްރޮގްރާމެއް. ފުރަތަމަ ފޯރަމް ފެބްރުވަރީ މަހު އޮންނާނެ. އަދި ވަޒީރުންގެ މި ފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހުން އެއް މަހު އޮންނާނެ. ފުރަތަމަ ފޯރަމް ޖަނަވަރީ މަހު އޮންނާނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު ރައްޔިތުންނާއި ހަމައަށް ގެންދިޔައީ ފަހަރެއްގައިވެސް ހުވަފެނެއްނޫންކަމަށެވެ. އަދި ރައްޔިތުންނާއި ހަމައަށް އެމަނިކުފާނު ގެނެސްދެއްވީ ޙަޤީޤަތްކަމަށާއި، ދިވެހި ރައްޔިތުންނަށް ޙައްޤުވާ ކުރިއެރުމާ ގެދޮރާ، ދިވެހި ޤައުމަށް ލިބެންޖެހޭ ޢިއްޒަތާ ޤަދަރު އެމަނިކުފާނަށް އަބަދުވެސް މުހިންމުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.