ގައުމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑުގެ ބަދަލުގައި، މާލެ ސަރަހައްދުގައި އައު ރަސްމީ ދަނޑެއް ގާއިމުކުރެވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ މުޅި ރާއްޖެއަށް ކުޅިވަރުގައި އުމްރީނާ ތަރައްގީ ބޭނުންވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅެމުންދާ ތަންތަނުގައި ހުރި ދަތިކަން އެނގިލައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަސީލަތްތަކުގެ ގޮތުން މުޅި ރާއްޖެއަށް މި ވަގުތު ފެންވަރު ރަނގަޅު ދަނޑުތައް ނުވަތަ ކުޅޭނެ ތަންތަނުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ގަލޮޅު ދަނޑަކީ މިހާރު ބާވެފައިވާ ތަނެއް ކަމަށާއި، ކުޅިބެލުންތެރިންނަށް ނުތިބެވޭ ވަރަށް ދަނޑު ބާވެފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި އައު ދަނޑެއް އަލުން ހަދަން އެއްކޮށް ތަޅާލުމުން ގިނަ ދުވަސްތަކަކަށް ކުޅިވަރު ހުއްޓިގެންދާނެ ކަމަށާއި، އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނިމިދަޔަ ސަރުކާރުންވެސް ޕްލޭންތަކެއް ގެންގުޅުނު ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ އެހެން ތަނެއްގައި އައު ދަނޑެއް ގާއިމުކުރަން ކަމަށެވެ. އެއީ ގަލޮޅު ދަނޑު ހަދަން ބަންދު ކޮށްފި ކަމަށްވާނަ، އޭގެ ގެއްލުން ކުލަބަތަކަށް ފޯރާނެތީ ކަމަށާއި، އެހެންކަމުން ގަލޮޅު ދަނޑު ބަންދުކުރާނީ އައު ދަނޑެއް އެޅި، އެ ދަނޑު ބޭނުންކުރަން ފެށުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ފުރަތަމަ މާލެ އޭރިއާގެ އެހެން ތަނެއްގައި އައު ސްޓޭޑިއަމެއް ގާއިމުކުރަން. އަޅުގަނޑުގެ ވިސްނުން މިހުރީ އެގޮތަށް، މާނައަކީ ގަލޮޅު ސްޓޭޑިއަމް ނޫން ސްޓޭޑިއަމެއް ގާއިމުކުރާގޮތަށް.ޢަބްދުﷲ ރާފިޢު - ކުޅިވަރާ ބެހޭ ވަޒީރު
ރާއްޖެ އާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހުރިހާ ކަމެއް މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮންނަނީ ގަލޮޅު ދަނޑަށެވެ. ފަހުގެ ތާރީޚެއްގައި ގަލޮޅު ދަނޑު ތިން ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވަނީ މުބާރާތެއް ބޯމަތިވުމުންނެވެ.
އެ ގޮތުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕަށް ކޮންމެވެސް ވަރެއްގެ މަރާމާތެއް ކުރިއެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަަޕަށްވެސް ގަލޮޅު ދަނޑު ވަނީ މަރާމާތުކޮށްފައެވެ.