ޚަބަރު

ސަރުކާރަށް އެއްބާރުލުންދީ، އެއް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާނަން: ނާޒިމް


  • މުސްތަޤުބަލުގައި ކަންކަން ކުރަން ރޭވިފައިވާ ގޮތާއި މެދު ވަނީ މަޝްވަރާކޮށްފައި

  • ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކީގައި މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ވިދާޅުވި

  • ސަރުކާރާއި ގުޅިފައިވާ ކޯލިޝަނުން މިއަށްވުރެއްވެސް ބަދަހިކޮށް ފެނިގެން ދާނެކަމަށް ވިދާޅުވި

ސަރުކާރަށް އެއްބާރުލުންދީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ހިމެނޭހެން ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރާއެކު އެއް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް، ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެވެ.

މުޙައްމަދު ނާޒިމް ވިދާޅުވީ، މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަކަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްކަމަށެވެ. އެގޮތުން އެމް.އެން.ޕީއަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވުމުން ކުރިއަށް އޮތް މުސްތަޤުބަލުގައި ކަންކަން ކުރަން ރޭވިފައިވާ ގޮތާމެދު މަޝްވަރާ ކުރެވުނުކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ކުރިއަށް އޮތް އިންތިޚާބުތަކުގައި މަސައްކަތް ކުރާނެ ގޮތަކާއި އެމް.އެން.ޕީގެ ބައިވެރިވުން ސަރުކާރުގައި ފެނިގެން ދާނީ ކިހިނެތްކަމާމެދު މަޝްވަރާ ކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން އެމް.އެން.ޕީގެ ފަރާތުން ސަރުކާރަށް ބޭނުންވަނީ ކޮންކަހަލަ އެއްބާރުލުމެއްތޯއާއި އެކަމާއި މެދު މަޝްވަރާކުރެވުނުކަން ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަރުކާރާއި ގުޅިފައިވާ ކޯލިޝަނުން މިއަށްވުރެއްވެސް ބަދަހިކޮށް ފެނިގެން ދާނެކަމަށެވެ.

"އެހެންވީމައި އަޅުގަނޑު ޤަބޫލު ކުރަނީ ކުރިއަށް އޮތް ތާނގައި އެމް.އެން.ޕީއާއި ޙާއްސަކޮށް ޕީއެންސީއާއި އަދި ގުޅިފައިވާ ކޯލިޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށް ކުރެވިގެން ދާނެކަމަށް. ހަމަ އެއާއެކު މަޖިލީހުގެ އިންތިޚާބުގައި އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކީގައި މަސައްކަތް ކުރާތަން ފެނިގެން ދާނެ." ނާޒިމް ވިދާޅުވިއެވެ.

އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވީ، މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއަށް، ދިވެހިން އެދޭ ރާއްޖެއެއް ގެނެވުމަށްޓަކައި ސަރުކާރާއެކު ސާބިތުކަންމަތީ މަސައްކަތް ކުރައްވާނެކަމަށްކަމުގެ ޔަޤީންކަން ދެއްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އިތުރުން މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޞިޔާމް މުޙައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ބައްދަލުކުރައްވާފައިވެއެވެ.