ޚަބަރު

އިންޑިއާއާއި ނޭޕާލުންވެސް އަންސްކިލްޑް ބިދޭސީން ގެނައުމުގެ ހުއްދަ ދީފި


  • އާދިއްތަ ދުވަހު ނެރުނު ނިންމުމުގައި ބުނެފައިވަނީ، މަސައްކަތްތެރިން ގެނެވޭނީ ބަންގްލަދޭޝްއިން އެކަނިކަމަށް

  • ބިދޭސީން ގެނައުމުގެ އުޞޫލު އިމިގްރޭޝަނުން އަންނަނީ ރިވިއުކުރަމުން

  • މިހާރު ބަންގްލަދޭޝް އިންޑިއާ އަދި ނޭޕާލުން މަސައްކަތްތެރިން ގެނެވޭނެ

ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރަން އިތުރު ދެ ޤައުމަކުން ބިދޭސީން ގެނައުމުގެ ހުއްދަ ދީފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، އަންސްކިލްޑް މަސަކަތްތެރިންގެ ގޮތުގައި ބިދޭސީން ގެނައުމަށް ހުއްދަ ދޭން ނިންމާފައިވާ އިތުރު ދެ ޤައުމަކީ އިންޑިއާ އަދި ނޭޕާލްކަމަށެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނެވޭ ޤައުމުތަކަށް ބައެއް ބަދަލުތައް ގެނައީ އާދިއްތަދުވަހު އެ ވުޒާރާއިން ނެރުނު އިޢުލާނެއްގައެވެ. އެގޮތުން ބަންގްލަދޭޝް ފިޔަވާ އެހެން ޤައުމުތަކުން ބިދޭސީން ގެނައުމުގެ ހުއްދަ ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ.

މިގޮތަށް ބަދަލުގެނައީ، މަސައްކަތް ކުރުމަށް މީހުން ރާއްޖެ އެތެރެކުރުމުގައި ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލު ޙިއްސާކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އިޙުސާން ވިދާޅުވީ، ބަންގްލަދޭޝްއިން ބިދޭސީން ގެނައުމުގެ ހުއްދަ ދިނީ، ސަރުކާރުން ބަލަންޖެހޭ އުޞޫލުތަކަށް ބެލުމަށް ފަހުގައިކަމަށެވެ. އަދި އެހެން ޤައުމުތަކުން ބިދޭސީން ގެނައުން ބަންދުކުރީ، އެ ގައުމުތަކުން ބިދޭސީން ގެނައުމުގެ އުޞޫލުތައް ރިވިއުކުރަން ދެންކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، މިކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި، އިންޑިއާ އަދި ނޭޕާލްއިން ބިދޭސީން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ މިއަދުން ފެށިގެން ދޭން ނިންމާފައިވާކަމަށެވެ.

"މިއަދުން ފެށިގެން އިންޑިއާ އަދި ނޭޕާލްއިން އަންސްކިލްޑް ބިދޭސީ ލޭބަރުން ގެނައުމަށް ބޯޑަރު މިވަނީ ހުޅުވާލާފައި. އެހެން ޤައުމުތަކުގެ އެސެސްމަންޓްތައް ނިންމުމަށް ފަހުގައި، އެ ޤައުމުތަކަށްވެސް ހުއްދަ ދޭނަން." ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ވޭތުވެދިޔަ 3 އަހަރު، ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން އެތެރެކުރުން އޮތީ މަނާކޮށްފައެވެ. އެއީ 2020 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެންނެވެ. އެގޮތުން އުޞޫލުގައި ބުނާގޮތުން އެއް ޤައުމަކުން، އަންސްކިލްޑް ލޭބަރުން އެންމެ ގިނަވެގެން ގެނެވޭނީ 1 ލައްކަ މީހުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒިރު ޢަލީ އިޙުސާން ވިދާޅުވީ، ބަންގްލަދޭޝްއިން ލޭބަރުން ގެނައުމަށް އަލުން ހުއްދަ ދިނީ، ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅޭ އަދަދު މިހާރު ލައްކައަކަށްވުރެ ތިރިވެފައިވާތީކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލްގެ ތެރެއިން މަޢުލޫމާތު ހޯދިއިރު، މިވަގުތު ރާއްޖޭގައި ތިބީ 90634 ބަންގްލަދޭޝަން މަސައްކަތްތެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.