ޚަބަރު

ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ޚާއްސަ 3 ޓާސްކްފޯހެއް


  • ޓާސްކްފޯސްތައް އެކުލެވެނީ 5 އިދާރާގެމައްޗަށް

  • އެންމެ ބޮޑު މައްސަކަތެއް، ކުއްތަށް މަދުކުރުމަށް

  • ބިދޭސީންގެ މައްސަލައަށްވެސް ޚާއްސަ ސަމާލްކަމެއް ދޭނެ

ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަމަށް މިހާރަށްވުރެ ބޮޑަށް ފާރަވެރިވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ޚާއްސަ 3 ޓާސްކްފޯހެއް އެކުލަވާލައިފިއެވެ. މި ޓާސްކްފޯސްތައް އެކުލަވާލާފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ދަށުން ހިންގާ 5 އިދާރާގެ މައްޗަށެވެ.

މިދާއިރާއިން ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކާއި ގުޅޭ މަޢުލޫމާތު ތަފްސީލީގޮތެއްގައި ހިއްސާކުރެއްވުމަށް މިއަދު ވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން، ކަސްޓަމްސް ސަރވިސް، ކަރެކްޝަނަލް ސަރިވެސް އަދި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، މި އެކުލަވާލި ޓާސްކްފޯސްތަކަކީ، އެއްމުވައްސަސާ އަނެއްމުވައްސަސާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަސޭހަކުރެއްވުމަށް އެކުލަވާލި ޓާސްކްފޯސްތަކެއްކަމަށެވެ.

އެގޮތުން އެކުލަވާލާފައިވާ ޓާސްކްފޯސްތަކަކީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމާއި، ނުރައްކާތެރި ކުށުމުގެ މައްސަލަތަކަށް ފާރަވެރިވުމާއި އަދި ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބިދޭސީންނާއި ގުޅުން ހުރި މައްސަލަތަކަށް މަސައްކަތްތަކުރުމަށް ޚާއްސަ ޓާސްކްފޯސްތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙުސާނު ވިދާޅުވީ މަސައްކަތްތައް ހަރުދަނާކުރައްވާ، މިދިޔަ މަހެއްހާ ދުވަސްތެރޭ ކުރި މަސައްކަތުގައި، 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާކަމަށެވެ. މި ޓީމުން މަސައްކަތްތައް ޢަމާޒުކުރާނީ، މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވަންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން ހިމެނެނީ އޯގަނައިޒްޑް ކްރައިމްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޚާއްސަ ޓާސްކްފޯސް. މިއީ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ ޚާއްސަ ގްރޫޕެއް. ދެން ބިދޭސީންގެ މައްސަލަތައް ބޮޑު. ޖިނާޢީ ކުއްތަކަށް އަރައިގަނޭ. މިދިޔަ މަހެއްގާ ދުވަހު 53 ބިދޭސީން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފިން. ބައެއް މީހުން ފޮނުވާލައިފިން." އިޙުސާން ވިދާޅުވިއެވެ.

އިޙުސާން ވިދާޅުވީ، މީގެއިތުރުވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ދޭ ޚިދުމަތްތައް އަވަސްކުރުމާއި ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ވުޒާރާއިން ކުރިއަށްދާކަމަށެވެ. އެގޮތުން އައިޑީ ކާޑް ހެއްދުމުގައި ހުރި ދަތިތައް ޙައްލުކޮށް، ބެކްލޮގްގައި އޮތް 2000 އައިޑީކާޑުގެ މައްސަލަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޙައްލުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ވުޒާރާގެ ދަށުން ހިންގާ އެޖެންސީތަކާއި ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން، ފަސޭހައިން ޝަކުވާ ހުށައެޅޭނެ ނިޒާމެއްވެސް ޤާއިމުކުރައްވަމުންދާކަމަށް އިޙްސާން ވިދާޅުވިއެވެ.

"ޕަބްލިކް ކޮމްޕްލެއިންސް ބިއުރޯއެއް މި ހަދަނީ. އޭގެ ނަންބަޔާ ސޯޝަލް މީޑިއާ އެކައުންޓްތައް ޙިއްސާކުރާނަން. ސީދާ އަޅުގަނޑަށް މައްސަލައާއި ޝަކުވާ ހުށައެޅޭނެ." އިޙުސާން ވިދާޅުވިއެވެ.

އިޙުސާން ވިދާޅުވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާ އެކުލަވާލާ، އިތުރު މުވައްސަސާތަކެއް އެ ވުޒާރާގެ ދަށަށް ގެނެސްފައިވާތީ، ޚިދުމަތްތައް ރާވާ ގުޅިގެން ފަސޭހަ އިންތިޒާމަކުން ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހަމަޖައްސަމުންދާކަމަށެވެ.

އެޖެންސީތަކުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ، ކުށްތައް މަދު އަމާން މުޖުތަމަޢުއެއް ޤާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުންކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވިއެވެ.