ޚަބަރު

މިއަހަރުގެ އަމާޒު ހާސިލުކޮށްފި، 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!


  • 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ނެދަލޭންޑްސް މީހެއް

  • އޭނާ ރާއްޖެއައީ އާއިލާއާއިއެކު، އަދީ މިއީ ފުރަތަމަ ފަހަރު

  • މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާއިން

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މިއާއިއެކު ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުކަނޑައަޅާފައިވާ އަދަދުކަމަށްވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑެއް ވަނީ ހަދާފައެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ނެލަދޭންޑްސްއަށް ނިސްބަތްވާ ސްޓެފާން މަތިޖްސްއެވެ. އޭނާ ރާއްޖެއައީ އޭނާގެ އަންހެނުންނާއި 2 ކުދިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާގެ ލަޤަބް ލިބުމުން ވަރަށް އުފާވިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެ އާދެވޭނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤް ވިދާޅުވީ، ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވައުދުފުޅެއްކަމަށެވެ. ޚައްޞަކޮށް ރާއްޖެއަށް އިތުރު މާކެޓްތައް ހޯދުމަށް އެމްއެމްޕީއާރުސީން މިހާރު ދިރާސާތަކެއް ހަދަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ރިސާރޗެއް ހަދަމުން މިދަނީ ރާއްޖެއަށް އިތުރު މާކެޓްތަކެއް ހޯދުމަށާއި، އެކްސްޕްލޯރ ކުރެވެން ހުރި ދިމަދިމާލަށް. އަޅުގަނޑުމެންގެ އިންކަމްއަކަށް އޭގެއިން ރިފްލެކްޓްއެއް ނުއެއްކުރޭ ނަންބަރ އޮފް އެރައިވަލް އިތުރުވިއަކަސް. އެހެންވީމަ އަޅުގަނޑުމެން އެވެސް އައިޑެންޓިފައި ކުރަންވެގެން އެއާއިއެއްކޮށް ހިމެނޭގޮތައް ބްރޭންޑިން ގްލޯބަލީ އިޝްތިހާރުވެގެންދާނެގޮތައް ރިސާޗް ހަދައި ސްޓްރެޓީޖިކް ޕްލޭނެއް ހަދަން މި މަސައްކަތް ކުރަމުންދަނީ." ފާތިމަތު ތައުފީޤް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. 2 ވަނައިގައި އިންޑިއާ އުޅޭއިރު 3 ވަނައިގައި އުޅެނީ ޗައިނާއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކަގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1135 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ސަފާރީތައް ހިމެނެއެވެ. މިހުރިހައި ތަނެއް އެއްކޮށްލުމުން ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ނެރެފައިވާ އެނދުގެ ޢަދަދު 61،207 އަށް އަރައެވެ.