ޚަބަރު

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުން، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން!


  • މުސާރަ ބޮޑުކުރަން ނިންމީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ކޮމިޓީން

  • ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މަޖިލީހާ ކޮމިޓީއަށް ފާޑުކިޔަމުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރިކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުން ޢަމާޒުވެއްޖެއެވެ.

އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ނިންމުމާއި މެދު އާންމުންނާއި، ސަރުކާރާއި އަދި އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާޝަން މުޙައްމަދު ޝަހީބު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ހޯއްދެވުމަކާއި ނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި ނިންމެވީ ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވަނީ ރައީސްއާއި، ނައިބުރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެކަމަށާއި، އަދި މުސާރަތައް ބޮޑުކުރުމަށްވެސް ބޭނުންނުވާކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އަދި ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޢާޒިމާ ޝަކޫރު ވިދާޅުވީ، މަޖިލީހުގެ މުސާރަ މިދަނޑިވަޅުގައި ބޮޑުކުރުމަކީ ދިވެހި ދައުލަތް އިތުރަށް ދަރުވާލުމަށް ހިންގޭ ނާތަހުޒީބު އަމިއްލަ އެދުން ބޮޑު ޢަމަލެއްކަމަށެވެ. ދިވެހިންގެ އެތައް ބަޔަކު ވަޒީފާއަށް ސަލާންޖަހަމުންދާ މިދަނޑިވަޅުގައި އަމިއްލައަށް މެންބަރުން އެމީހުންގެ މުސާރަ ބޮޑުކުރުން ޢާޒިމާ ވަނީ ކުށްވެރިކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވެސް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މެންބަރުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ކޮމެޓީގައި ވޯޓު ނުދެއްވާކަމަށާއި، އެކަމާއި ދެކޮޅަށް ބަހުސްވެސް ކުރައްވާފައިވާނެކަމަށެވެ.

މިނޫނަސް އެތައް ބަޔަކު އަންނަނީ އެމްޑީޕީގެ އަގްލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އަދި މަޖިލީހުގެމެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު މަޖިލީހުގައި އޮތުމަކީވެސް ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސް ލިބޭއިރު ބޮޑުކުރި މުސާރައާއެކު މަހަކު 100،000 ރުފިޔާގެ މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް މާލިއްޔަތު ކޮމެޓީން މިގޮތައް ނިންމާފައިވާއިރު މިއީ ސަރުކާރަށް އުނދަގޫކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ނިންމާފައިވާ ނިންމުމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި އާންމު ރައްޔިތު މީހާގެ މުސާރައަށް ހެޔޮ ބަދަލެއް ނައިސް މިހާރުވެސް ބޮޑު މުސާރަލިބޭ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުން އާންމުންގެ ހިތްހަމަނުންތައްވެސް އަންނަނީ ފާޅުކުރަމުންނެވެ.