ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ދެއްވުމަށް ނިންމަވައިފި


  • އޮންލައިން ޚިދުމަތްތައް ހޯދުމަށް އީފާސް މެދުވެރިކޮށް ކޮމިޝަންގެ އޮންލައިން ޕޯޓަލް ވަދެވޭނެ

  • ކޮމިޝަންގެ މުހިންމު ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ

އިލެކްޝަންސް ކޮމިޝަނުންގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އޮންލައިންކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން، އީފާސް މެދުވެރިކޮށް ކޮމިޝަންގެ އޮންލައިން ޕޯޓަލްއަށް އެކްސެސް ވެވޭނޭ ގޮތަށް ހަމަޖެއްސުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

މިގޮތަށް ނިންމީ އެ ކޮމިޝަންގެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ވީހާވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އީފާސް މެދުވެރިކޮށް ކޮމިޝަންގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމާއިއެކު އެކޮމިޝަނުން ފޯރުކޮށްދޭ މުހިންމު ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެކަމަށެވެ. އޭގެތެރޭގައި އިންތިޚާބުތަކުގެ ރީ-ރަޖިސްޓްރޭޝަނާއި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލަކަށްވުމުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން އިންތިޚާބުތަކުގައި ރަޖިސްޓަރީވެފައިވާ ވޯޓުފޮށި ޗެކް ކުރުމާއި، ރަޖިސްޓަރީ ވެފައިވާ ސިޔާސީ ޕާޓީ ޗެކް ކުރުން ފަދަ ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.