ޚަބަރު

"މަސައްކަތްތެރިންގެ ބިލާއެކު މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިދޭ"


  • މަސައްކަތްތެރިންނާއި ގުޅޭ 2 ބިލެއް ވަނީ ފާސްކޮށްފައި

  • މިއީ ޤާނޫނީ ރައްކާތެރިކަން ލިބިދޭނެ ކަމެއް

މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2 ބިލުގެ ސަބަބުން މަސައްކަތްތެރިންނަށް ސަރުކާރާއި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒަކީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މި 2 ބިލް ފާސްކުރުމާއި ގުޅިގެން އެ ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު 2 ބިލެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒަކީ ވަނީ މި 2 ބިލް ފާސްކުރުމަށް އެ ޔޫނިއަނުން ކުރި ބުރަ މަސައްކަތަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. އިންޑަސްޓްރިއަލް ރިލޭޝަންސާއި ގުޅޭ ބިލެއް އެންމެ ފުރަތަމަ މަޖިލީހަށް ހުށައަޅައި މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް ދިމާވި އެކިއެކި ކަންކަމާއި ގުޅިގެން މި ބިލް ފާސްވުން ފަސްވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރިންނަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވަމުންދާކަމަށެވެ. އެގޮތުން ވަޒީފާއިން ވަކިކުރުމާއި، މުސާރަ އުނިކުރުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ދިމާވާ މިފަދަ ކަންކަން އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކުވެސް ދިވެހި މަސައްކަތްތެރިންނަށް މިއަދާއި ހަމައަށް ހިފަހައްޓާލެވުނީ ކޮންމެވެސް ގޮތަކަށް ދިވެހިރާއްޖޭގެ ޤާނޫނުން މި ހައްޤު ލިބޭތީއާއި، ރާއްޖެއިން ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުގައި ބައިވެރިވެފައިވުމުގެ އިތުރުން މަސައްކަތްތެރިންގެ ހިތްވަރުގަދަ ކަމުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެންނަށް މި ޤަބޫލުކުރެވެނީ މި ޤާނޫނުތައް ތަސްދީޤުކުރެވޭ ހިސާބުން ފެށިގެން އެއްވެސް ބިރެއްނެތި ދިވެހިރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ޔޫނިއަންއެއްގައި ބައިވެރިވެ ޔޫނިއަންއެއް ހަދައި ޔޫނިއަންއަކާއި އެކީގައި ވަޒީފާދޭ ފަރާތްތަކާއި، މެނޭޖްމަންޓަކާއި ނޫނިއްޔާ ސަރުކާރާއި ނެގޯޝިއޭޓްކޮށްގެން ކަންކަން ހައްލުކުރުމުގެ ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެކަން. އެ ރައްކާތެރިކަމުގެ ސަބަބުން އެ ލިބިގެންދަނީ ހަޤީގަތުގައި މިވަގުތު ހެދިފައި ހުރި މަސައްކަތްތެރިންގެ ޤާނޫނުތަކަށްވުރެ އިތުރު ހައްޤުތައް ހޯދުމުގެ ބާރެއް. އާންމުގޮތެއްގައި ޤާނޫނުތަކުގައި ބަޔާންކޮށްފައި މިހުންނަނީ އެންމެ އަސާސީ މިންވަރު. މި ޤާނޫނުގެ ތެރެއިން ޓްރޭޑް ޔޫނިއަންތައް ހެދިގެން އައީމަ ޤާނޫނުން ލިބިދޭ ހައްޤުތަކަށްވުރެ ބޮޑެތި ހައްގުތައް އިތުރު ހައްޤުތައް ބައިވަރު ވަރަށް ފުޅާކޮށް ނެގޯޝިއޭޓްކޮށްގެން އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމުގެ ބާރު ލިބިގެން މިދަނީ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާދޭ ފަރާތްތަކުން އެ ޖަމިއްޔާތައް އެއީ ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ މަސައްކަތުގައި ދިމާވާ ކަންކަން ހައްލު ކުރުމަށްޓަކައި ވާހަކަދައްކަން ޖެހޭ ފަރާތެއްކަމަށް ގަބޫލުނުކުރުންކަމަށެވެ.