ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވި ޓީއެޗްއެފް އޭޝިއާ އިންޓަނޭޝަނަލް ޓައިކްވޮންޑޯ ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕުން ރަންވަނަ ހާސިލުކުރި ދިވެހި އެތުލީޓުންނާ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.
ހަތް ގައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވި މި މުބާރާތުން ރާއްޖޭގެ އެތުލީޓުން ވަނީ އަށް މެޑަލް ހޯދާފައެވެ. އެއީ ދެ ރަން މެޑެއްޔާއި، އެއް ރިހި މެޑަލް އަދި ފަސް ލޯ މެޑެއްޔެވެ.
ރަންވަނަ ހާސިލުކުރި އެތުލީޓުންނާ ބައްދަލުކުރައްވައި ވަޒީރު ވަނީ ޓައެކްވޮންޑޯ ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށާއި، ގައުމަށް މެޑަލް ހޯދައިދިން ކަމަށްޓަކާ އެތުލީޓުންނަށް ޝުކުރުދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އުއްމީދަކީ މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކެއް ލިބުން ކަމަށާއި، ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
މި މުބާރާތްތަކުގައި ވާދަކޮށް ތަޖުރިބާކާރު އެތުލީތުން ފާތިމަތު އިބްރާހީމް ވަނީ ތިން މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑަލް، އެއް ރިހި މެޑަލް އަދި އެއް ލޯ މެޑެއްޔެވެ. ރާއްޖެއިން ދެން މެޑަލް ހޯދި އެތުލީޓުންގެ ތެރެއިން ހަތަރު އެތުލީޓަކު ވަނީ މެޑަލް ހޯދާފައެވެ. ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި މޮރޮކޯގެ ކޯޗު ކިނާންއެވެ.
ޓައެކްވޮންޑޯއަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރެކެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ޓްރެއިނިން ސެންޓަރުތަކެއް ގާއިމުކޮށްފައިވާއިރު، ރާއްޖޭގެ ޓައެކްވޮންޑޯ ޓީމު ވަނީ އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ހަތަރު މެޑަލް ހޯދާފައެވެ. މިއީ ރާއްޖެއިން ބައިވެރިވި ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ.
އެހެންކަމުން މާޝަލް އާޓްސްގެ ކުޅިވަރުތަކުން މިވަނީ ހަތަރު އަހަރު ތެރޭ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.