މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ސެމީ ފައިނަލަށް ޕޮލިސް ކުލަބާއި ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް ދަތުރުކޮށްފިއެވެ.
ސެމީގެ ޖާގައެއް ޕޮލިސް ކުލަބުން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ގެންދިޔައީ ޕޮލިސް ކުލަބުންނެވެ. އެކަމަކު ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން މި ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް އަނެއް ދެ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-22 އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އަންޗަނާ ޗަންގްޚަމްއެވެ.
މީގެ އިތުރުން މި މުބާރާތުގައި ސެމީގެ ޖާގައެއް ވޮލީބޯލް އެކެޑަމީން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަސްދިގަ ސްޕޯޓްސް ކުލަބު އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މި މެޗުގައި ވޮލީބޯލް އެކެޑަމީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ގެންދިޔައީ 25-19، 25-15 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް އެކެޑަމީގެ އަރީލުއާ ޑުއަންޕެންއެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ދެ ޓީމަކުން ށަވަރުކުރިއިރު، ކުއާޓާ ފައިނަލުގެ އަނެއް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލްމާ ސްޕޯޓްސް ކުލަބާއި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު ވެމްކޯ އާއި ޔޫތު ނިއު ޖެނެރޭޝަނެވެ.