ޚަބަރު

ޓާސްކް ފޯހެއް އެކުލަވާލާއި، ފައިލޭރިއާއަށް ސްކްރީން ކުރުން ފުޅާކުރަނީ


  • މިހާތަނައް 19 މީހުން ޕޮޒިޓިވްވެފައިވޭ

  • ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީން

  • ކުޅުދުއްފުށިން 295 ބިދޭސީއަކު ފައިލޭރިއާއަށް ސްކްރީންކުރި

  • އިތުރު ރަށްތަކުގައިވެސް ސްކްރީނިންގ ކުރިއަށް ގެންދާނެ

ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައިވާތީ، އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅަކުރުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވާލައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސްކްރީން ކުރުން ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭން ވިދާޅުވީ ފައިލޭރިއާ ފެތުރުން ހުއްޓުވުމަށާއި ބައްޔާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްތައް ހިނގުމަށާއި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ޚާއްޞަ ޓާސްކް ފޯހެއްވެސް މިހާރު އެކުލަވާލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބައްޔަށް ހޭލތުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލުގެ ޓާސްކް ފޯހަށް މައުލޫމާތު ފޯރުކޮށްދިނުމާއި ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން ހިމެނޭކަމަށެވެ. އަދި ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ އިތުރުން، މާލޭ ސަރަހައްދުގެ އަދި އަތޮޅު ހޮސްޕިޓަލުތަކުގައި ސިއްހީ ޚިދުމަތްތެރިންނަށް މައުލޫމާތު ދިނުމާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މަރުކަޒެއްގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެގޮތުން ސްކްރީން ކުރުމުގެ މަސައްކަތްވެސް ވީހާވެސް ގިނަ ސަރަހައްދުތަކެއްގައި ކުރިއަތް ގެންދިޔުމަށް މަސައްކަތްކުރާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ރޭންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެމީހުންނަށް އެނގޭ ފަދަ ބަހަކުން ޕޯސްޓަރު ވީޑިއޯ އަދި ފޮޓޯ ތައްޔާރު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. އަދި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިނެއް ތައްޔާރުކޮށް ސާވައިލެންސް އާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށީގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމާއި އެފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ބޮޑެތި ފެންގަނޑުތަކުގައި މަދިރި އާލާވޭތޯ ބަލައި ނައްތާލުމުގެ މަސައްކަތުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަދިރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭއީއިން ފާހަގަކުރެއެވެ.

މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނުމާއެކު އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެޗްޕީއޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަތް ވަނީ ގެންގޮސްފައެވެ. އެގޮތުން ކުޅުދުއްފުށިން މިހާތަނަށް ވަނީ 295 ބިދޭސީއަކު ފައިލޭރިއާއަށް ސްކްރީން ކޮށްފައިއެވެ. އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 ބިދޭސީން ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސާރވޭގައި، ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެށްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ 2007 ވަނަ އަހަރުގައެވެ.