ޚަބަރު

ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ލައްކައަކަށް ނާރާ، ޤާނޫނީ ހުރަހެއް ނެތް: އިޙުސާން


  • ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ ހުއްދަ އަލުން ވަނީ ދީފައި

  • ހުއްޓާލީ 2020ވަނަ އަހަރު ސެޕްރެމްބަރުގައި

  • މިވަގުތު ރާއްޖޭގައި ތިބީ ބަންގްލަދޭޝްގެ 90624 މަސައްކަތްތެރިން

ޤާނުނުގައި ބުނާ ޢަދަދަށްވުރެ އިތުރަށް ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން އިއްޔެ ނެރުއްވި އިޢުލާނެއްގައި ވަނީ، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމަވާފައެވެ. އަދި އެހެން ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް ވަނީ އަންގަވާފައެވެ.

2020ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނުނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

އެހެންކަމުން އަލުން ބަންގްލަދޭޝްގެ ލޭބަރުންނަށް ހުއްދަ ދިނުމުގައި ޤާނޫނީ އިމުން ބޭރުން އެކަން ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން ސާފުކޮށްދެއްވައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެއްލެވުމަށްފަހުކަމަށެވެ.

ވަޒީރު އިޙުސާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ، 90624 މަސައްކަތްތެރިންކަމަށެވެ. މި މަޢުލޫމާތު އެއްކޮށްފައިވަނީ އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ނިޒާމުގެ ތެރެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކުން ނެރޭ އެކިއެކި ތަފާސްހިސާބުތަކާއި މަޢުލޫމާތުގައި ހިމަނާފައިހުންނަނީ، މަސައްކަތްތެރިންގެ ގޮތުގައި ރެޖިސްޓަރކޮށް ރާއްޖެއަށް މީހުން އެތެރެވާ މީހުންގެ ޢަދަދުތައްކަމަށެވެ. ރާއްޖެއަށް އުސޫލުގެ ތެރެއިން މީހުން އެތެރެކުރިނަމަވެސް، ވަރަށް ގިނަ މީހުންނަކީ ގަވައިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ މީހުންކަމަށާ، އަދި ބިދޭސީން ރާއްޖެ ދޫކޮށް ދިއުމުންވެސް އެމީހުން ރާއްޖެ ގެންނަ މީހުން، އެ މަޢުލޫމާތު ރެޖިސްޓަރ ކުރަން ހުށަނާޅާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ލީގަލްކޮށްވިއަސް އިލީގަލްކޮށްވިއަސް ރާއްޖޭގައި ތިބި ޖުމްލަ ޢަދަދަކީ 90624 ބަންގްލަދޭޝަން މީހުން. އެއީ ޤާނުނު ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދައަށް އަދި ޤާނޫނަށް ފުށުނާރާ." ވަޒީރު ޢަލީ އިޙުސާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބިދޭސީއެއް ރާއްޖެއިން ވަޒީފާ ދޫކޮށް ފުރައިގެން ދިޔަނަމަވެސް އޭނާގެ އެމަޢުލޫމާތު އަޕްޑޭޓްނުކުރާހާ ހިނދަކު ސިސްޓަމުން ދައްކާނީ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރެޖިސްޓަރ ކޮށްފައިވާމީހެއްގެ ގޮތުގައިކަމަށެވެ. ބިދޭސީންގެ ކަންކަން ގަވައިދުން ބަލަހައްޓަނީ ގާތްގަނޑަކަށް %50 މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން މި ދާއިރާ ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށާ، ބިދޭސީންނާ ގުޅޭކަންކަން ހަރުދަނާކުރަން މުހިންމު މަސައްކަތްތަކެއް ފަށްޓަވާނެކަމަށްވެސް ވަޒީރު އިޙުސާނު ވަނީ ވިދާޅުވެފައެވެ.