ޚަބަރު

ރައީސް މަޤާމުން ވަކިކުރަން ކުރާ މަސައްކަތާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ކަންބޮޑުވުން


  • މިކަމާއި ދެކޮޅަށް އިހަވަންދޫ ކައުންސިލް މެންބަރުން ސޮއިކޮށްވަނީ ބަޔާނެއް ނެރެފައި

  • މެންބަރުން ބުނީ މިއީ ރައްޔިތުންގެ ނިންމުމަށް ގޮންޖެހުން ކަމަށް

  • މިކަން ކައުންސިލުން ވަނީ ކުށްވެރިކޮށްފައި

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް މަޖިލީހުގައި ވަކި ޕާޓީއަކުން ކުރަމުންދާ މަސައްކަތަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ގޮންޖައްސައްވައި ކުރައްވަމުންދާ މަސައްކަތެއްކަމަށާއި، އެޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 7 ކައުންސިލަރުންގެ ތެރެއިން 6 ކައުންސިލަރުން ސޮއިކުރައްވާ ނެރުއްވި، ނޫސްބަޔާނެއްގައިވަނީ، މިއީ ރާއްޖޭގެ ދިމިޤްރާތީ ނިޒާމާއި ދެކޮޅަށް ކުރަމުންދާ، ވަރަށް ނާތަހުޒީބު މަސައްކަތެއްކަމަށެވެ.

އެ ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައިވާއިރު، މިކަމުގައި މަޖިލީހުގެތެރެއިން އިސްކޮށް މަސައްކަތް ކުރައްވަމުންދާ އެއް މެންބަރަކީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއުއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ ގަވާއިދު އިސްލާހުކޮށް، މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. މި އިސްލާހާ އެއްކޮޅަށް 44 މެންބަރުން ވޯޓުދެއްވިއެވެ.

އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައިވަނީ މިއީ ޤައުމުގެ މިނިވަންކަމާއި، އަމަން އަމާންކަމަށް ނުބައި އަސަރުކޮށް، މިނިވަންކަން ގެއްލިގެން ދިއުމަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.

އަދި މި މަސައްކަތުގައި އެދާއިރާގެ މެންބަރު އިސްކޮށް މަސައްކަތްކުރާ ކުރުން، ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ކައުންސިލްގެ ނޫސްބަޔާނުގައިވެއެވެ. ކައުންސިލްގެ ބަޔާނުގައިވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށް އިސްވެ ނުކުންނަވައި، ކުރައްވަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.