ޚަބަރު

މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރެއްވުމަށް މަޖިލީޙަށް ފޮނުއްވައިފި


  • މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ކުރިން ނިންމާފައި

  • ޖަލްސާގައި ނެގި ނިޒާމީ މައްސަލައަކާ ގުޅިގެން މައްސަލަ އަލުން ވަނީ ކޮމިޓީއަށް ފޮނުވާލާފައި

  • މަޖިލީހުގެ ދައުރުވަނީ އަނެއްކާވެސް ދަންމާލާފައި

ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެމަނިކުފާނު އުފައްދަވާފައިވާ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންފުޅުވާ ވުޒާރާތައް އުފައްދަވާ އެވުޒާރާތަކަށް މިނިސްޓަރުން ޢައްޔަންކުރައްވާފައެވެ. އަދި އެބޭފުޅުންނަށް ރުހުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ނޮވްމެބަރު މަހުގެ 21 ވަނަ ދުވަހު ފޮނުވުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓާއެކު، ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާ މިއަދުގެ އެޖެންޑާކޮށްފައިވީ ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ ބަހުސަށް ހުޅުވާލުމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސެއިން ނެންގެވި ނިޒާމީ މައްސަލައަކާ ގުޅިގެންނެވެ. ޙިސާން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ސާފުވާނެހެން މަޖިލީހަށް ހުށައަޅާފައިނުވާތީ ރުހުން ދޭން އެދިފައިވަނީ ކޮން މަސްއޫލިއްޔަތެއް އަދާކުރެއްވުމަށްކަން ތަޅުމަށް ހުށައެޅި ރިޕޯޓުން އެނގެން ނެތްކަމަށެވެ. މި ނިޒާމީ މައްސަލަ ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ.

މި އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތައް އުފައްދަވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އެ މަނިކުފާނުގެ ކެބިނެޓް އެކުލަވާލުމާއި ކެބިނެޓްގެ މަސްއޫލިއްޔަތު ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދީފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވެސް ވަނީ ވުޒާރާތަކުގެ މެންޑޭޓު ކަނޑައެޅުމާއި ވަޒީރުންނަށް ރުހުން ދިނުމަކީ ދެކަމެއްކަން ފާހަގަކުރައްވާ ވަކި މައްސަލައެއްގެ ގޮތުގައި ވަޒީރުންނަށް ރުހުން ދެވޭނެކަމަށް ވިދާޅުވެފައެވެ.