ޚަބަރު

ބަހުގެ ޚިދުމަތްހޯދި މީހުން އަތުން ދެފަހަރަށް ފައިސާ ކެނޑިފައެއް ނުވޭ: އެމްޓީސީސީ


  • ޚިދުމަތް ހޯދި ފަރާތްތަކުގެ ފޯނަށް ފައިސާ ކެނޑިކަމުގެ ނޮޓިފިކޭޝަން ލަހުން ގޮސްފައިވޭ

  • މިމައްސަލަ ދިމާވެފައިވަނީ މިމަހުގެ 10 އާއި 14 އާއި ދެމެދުގެ މުއްދަތުގައި

  • މައްސަލައެއް އުޅޭނަމަ 1650 އަށް ގުޅުމަށް އެމްޓީސީސީން އެދޭ

އެމްޓީސީސީގެ ބަހުގެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ދެފަހަރަށް ފައިސާ ކެނޑިފައި ނުވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިވަނީ، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބަހުގެ ޚިދުމަތް ހޯދި ފަރާތްތަކުގެ ފޯނަށް ޚިދުމަތް ނުހޯދާ ދުވަސްތަކުގައިވެސް ފައިސާ ކެނޑިކަމުގެ ނޮޓިފިކޭޝަން ބީއެމްއެލްއިން ލިބޭ ކަމުގެ މައްސަލަތަކެއް ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ދިމާވާ ސަބަބު، ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ބެލިބެލުމުން މިމަހުގެ 10 އަކާއި 14 ވަނަ ދުވަހާއި ދެމެދު ބަހުގެ ޚިދުމަތް ހޯދުމަށް ފައިސާދެއްކުމަށް "ޓެޕް ޓު ޕޭ" ނުވަތަ ކޮންޓެކްޓްލެސް މާސްޓަރކާޑާއި ވިސާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަނޑާފައިވާ ފައިސާ ބީއެމްއެލްގެ ސަރވަރގައި ކިޔުވެފައި ހުރުމުގެ ސަބަބުން ޓްރާންސިޝަންތައް ވެރިފައިކުރުމުގައި ލަސްތަކެއް ދިމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިމުއްދަތުގެ ތެރޭގައި ބަހުގެ ޚިދުމަތް ހޯދައިގެން ކާޑު މެދުވެރިކޮށް ފައިސާ ދެއްކި ފަރާތްތަކުގެ ފޯނަށް ފައިސާ ކެނޑުނުކަމުގެ ނޮޓިފިކޭޝަން މެސެޖު ލަހުން ލިބިފައިވުމަކީ އެކަށީގެންވާކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެކި ދުވަސްމަތިން ދަތުރުކޮށްފައިވާނަމަ އެއްފަހަރާ ކައިރި ކައިރީގައި މިމެސެޖުތައް އައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މިހާތަނަށް ބެލިބެލުމުން މިއިން އެއްވެސް ކަސްޓަމަރެއްގެ އަތުން ބަހުގެ ޚިދުމަތަށް ދެފަހަރު ފައިސާ ކެނޑިފައި ނުވާކަން ޔަޤީންވެފައިވާކަމަށެވެ. އަދި މިގޮތަށް ދިމާވި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅާ ސާފުކުރުމަށް އެކުންފުނިންވަނީ އެދިފައެވެ.

މާލެއާއި ހުޅުމާލޭގައި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ. ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ފައިސާ ކެނޑޭނެ އިންތިޒާމު އެކުންފުނިންވަނީ ހަމަޖައްސާފައެވެ. އަދި ޢާއްމުންގެ މެދުގައި ބަހުގެ ޚިދުމަތަށް އޮންނަ ޑިމާންޑުވެސްވަނީ އިތުރުވެފައެވެ.