ޚަބަރު

މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިއްތިހާދުގެ ކަސްޓަމަރުން ރާއްޖޭގެ އެކި ހިސާބުތަކަށް


  • އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ

  • އިއްތިހާދުގެ ކަސްޓަމަރުންނަށް އެތެރޭގެ އުދުހުންތައް ފަސޭހަވެގެންދާނެ

  • އިއްތިހާދަކީ ޔޫއޭއީގެ ގައުމީ އެއަރލައިން

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އިންތިޒާމްތައް ހަމަޖެހިގެން ދިޔައީ އިއްތިހާދު އެއާވޭސާއެކު ސޮއިކުރި އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން މާލެ ފިޔަވައި ފަތުރުވެރިންގެ މެދުގައި މަޤްބޫލް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ. އެ ގޮތުން އެއް ޓިކެޓެއްގެ ދަށުން އަތޮޅުތެރޭގެ އެކި މަންޒިލްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވައިގެ މަގުން އިއްތިހާދުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހަމްދާން މުޙައްމަދު ވިދާޅުވީ ޤައުމީ އެއާލައިނުގެ ޙިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްތިހާދާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުން ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ޤައުމީ އެއާލައިން ކަމުގައިވާ އިއްތިހާދު އެއާވޭސުން މިމަހުގެ 1ން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ. އަދި އަންނަ ޖަނަވަރީ 1ން ފެށިގެން އިތުރު 4 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއާއިއެކު އަންނަ އަހަރު ފެށޭއިރު އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޢަދަދު ހަފުތާއަކު 14އަށް އިތުރުވާނެއެވެ.