މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 83.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކުރައްވައިފިއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 81.6 މިލިއަން ރުފިޔާއެވެ.
މީރާއިން އާއްމުކޮށްފައިވާ މިދިޔަމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހު މުދަލު ޒަކާތުގެތޮތުގައި 7.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.9 މިލިއަން ރުފިޔާއެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 83،712،640 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ ތެރޭގައި 83،668،371 މިލިއަން ރުފިޔާ އަދި 2888 ޑޮލަރު ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 81،647،914 މިލިއަން ރުފިޔާއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ. ނޮވެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 7 މިލިއަން ރުފިޔާއެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ. އެގޮތުން މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލުޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާވަނީ ބަލައިގަނެފައެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދަކީ 7151.90 ރުފިޔާއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.