ޚަބަރު

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި


  • ދޮންއަދަރާދަ ހިނގުމަކީ އަމީނީ މަގާއި ބޮޑުތަކުރާފާނު މަގާއި ދެމެދު ހުރަހަށް އޮންނަ މަގެއް

  • މިއީ ސްޓެލްކޯގެ ބޭނުމަށް މީގެ އަހަރުތަކެއް ކުރިން ބަންދުކުރި މަގެއް

  • މި މަގު އަލުން ހުޅުވާލުމަށް ނިންމީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައިދިނުމަށް

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް (ސްޓެލްކޯ)ގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް އަލު ފެށުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއާއި، އެ ކުންފުނީގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމަށް ނިންމީ އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައިދިނުމަށްކަމަށެވެ. އަދި އަންނަ ރަމަޟާންމަހުގެ ކުރިން އެ މަސައްކަތް ނިންމާ، އެ މަގު މުޅިން ހުޅުވާލެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީ މަގާއި، ބޮޑުތަކުރުފާނު މަގާއި ހުރަހަށްވާ ގޮތަށް އޮންނަ މަގެކެވެ. އެ މަގު ސްޓެލްކޯގެ ބޭނުމަށް ބަންދުކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ މަގުގައި ސްޓެލްކޯގެ ބައެއް ޢިމާރާތްތައްވެސް ހުރެއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، ދޮންއަދަރާދަ ހިނގު ހުޅުވާލާއިރު، އެ މަގު ބްލޮކުވާގޮތަށް ހުރި ޢިމާރާތްތައް އެތަނުން ނަގާ، އަމީނީ މަގުން ވަދެ، ބޮޑުތަކުރުފާނުމަގަށް ނިކުމެވޭގޮތަށް ހެދޭނެކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެ ޢިމާރާތްތައް ނެގުމުގެ މަސައްކަތްކަމަށް ސްޓެލްކޯއިން ބުންޏެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ ސްޓެލްކޯއަށް ބިމުގެ ދަތިކަމުގެ މައްސަލަ އޮތުމުންނެވެ. އެހެންނަމަވެސް، އެ މަގު އަލުން ހުޅުވާލުމަށް ނިންމީ ޢާންމު ރައްޔިތުންނަށް އޭގެ ސަބަބުން އުނދަގޫވެ، އެ ސަރަޙައްދުން ދުއްވާ އެއްޗިއްސަށް އުނދަގޫވާތީކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާވެޔޮމަގުގައި ޢާންމުންނަށް އުނދަގޫވާގޮތައް ހުރި ޓްރާންސްފޯމަރ ނެގުމުގެ މަސައްކަތްވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. މި ޓްރާންސްފޯމަރ އެތަނުގައި ހުންނަތާ މިހާރު ގާތްގަނޑަކަށް 7 އަހަރު ވެއްޖެއެވެ.