ޚަބަރު

ކުވައިތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި


  • ކުވައިތުގެ އަމީރުގެ މައްޗަށް އިމާމުވެ ކަށުނަމާދުކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް

  • ޣައިބަށް ކުރެވުނު ކަށުނަމާދުކުރުން އޮތީ އިސްލާމި މަރުކަޒުގައި

  • ކުވެއިތުގެ އަމީރު އަވަހާރަވީ ހޮނިހިރު ދުވަހު

ކުވައިތުގެ ޢަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙްގެ މައްޗަށް ޣައިބަށް ރާއްޖޭގައި ކަށުނަމާދު ކޮށްފިއެވެ.

ޝެއިޚް ނަވާފްގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައިވަނީ ޢިޝާނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޘަމުގައެވެ. ކަށުނަމާދު އިމާމުވެ ކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކުވޭތުގެ އަމީރު ޝައިޚް ނަވާފް އަވަހާރަވުމުން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ރައީސުލްޖުމްހޫރިއްޔާ Dr.މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ޝައިޚް ނަވާފަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެ މަނިކުފާނުގެ ޚިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމަ އައުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޝައިޚް ނަވާފް އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް އަންގާރަދުވަހާއި ހަމައަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ކުވައިތުގެ ޢަމީރު ޝެއިޚް ނަވާފް އަވަހާރަވީ ހޮނިހިރު ދުވަހުގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 86 އަހަރެވެ. ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާކުރެއްވީ ކުރީގެ އަމީރު އަލްމަރުޙޫމް ޝައިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް 2020 ވަނަ އަހަރު އަވަހާރަވުމުންނެވެ. ޝެއިޚް ނަވާފް މީގެ ކުރިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކުވައިތުގެ ދިފާޢީ ވަޒީރުކަން ހިމެނެއެވެ.