ޚަބަރު

މަސްވެރިކަން ޕްރޮމޯޓްކުރުމަށް ޚާއްޞަ ކުންފުންޏެއް ސަރުކާރުން އުފައްދަވައިފި


  • މިއީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް

  • އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 37 މިލިއަން ރުފިޔާ ހިމެނުމަށްވަނީ ހަމަޖެހިފައި

  • މިކުންފުނީގެ ދަށުން މަހުގެ ޕްރިމިއަމް ޕްރޮޑަކްޓްތައް މާކެޓަށް ނެރެވޭނެ

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން"ގެ ނަމުގައި ޚާއްޞަ ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.

މި ކުންފުންޏަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ކުންފުންޏެކެވެ. މިކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެބިނެޓުގެ ނިންމުންތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ކުންފުންޏެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިކުންފުނި އުފެއްދުމަށް ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ. އަދި މިއާއެކު ކުރިން އޮތް ފިޝަރީސް ޕްރޮމޯޝަން ބޯޑު އުވާލަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރެވޭ މަސައްކަތެއް ފަތުރުވެރިކަމަކީވެސް. އެމްއެމްޕީއާރުސީ ފަދައިން މަސްވެރިކަން ކުރިއެރުވުމަކީވެސް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަން ކަނޑައަޅާފައިވާކަމެއް. އަދި ދައުލަތަށް ބުރަ ބޮޑު ނުވާނެހެން މިކަންކުރިއަށްގެންދާނީ" ޝަހީބް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާކަމެކެވެ.

ދިވެހި މަހުގެ އުފެއްދުންތަކަށް އެކަށޭނަ އަގެއް ހޯދުމަކީ ސަރުކާރުގެ ވަރަށް ޚާއްސަ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މަސްވެރިކަން ޒަމާނީކޮށް މަސްވެރިންގެ ޤަދަރު އުފުލައި މަސްވެރިކަން ތިޔާގި ކުރުމަކީ ސަރުކާރުން ވަރަށް ބޭނުންވާ ކަމެއްކަމަށާއި އެކަމަށްޓަކައި މަސްވެރިކަން ޢިލްމުގެ މައްޗަށް ބިނާކުރުމަކީ މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގައި މިދާއިރާއިން ބޭނުންކުރާ އުކުޅުތައް ރާއްޖެއަށް ތަޢާރަފްކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމަށް ޚާއްސަ ކޮލެޖެއް ޤާއިމުކުރައްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.