ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ ސިޔާސަތެއް ކަނޑައަޅުއްވައިފި


  • ރައީސް މިގޮތަށް ކަނޑައެޅުއްވީ ވަޒީރުންގެ މަޖިލީހުގެ ލަފައާއިއެކު

  • ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދަށްވެސް ބަދަލު ގެންނެވުމަށް ނިންމެވި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކުގައެވެ.

ރައީސް އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ ސިޔާސަތެއް ކަނޑައެޅުއްވުމާއިއެކު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އޮފީސްތަކާއި ވުޒާރާތަކުން އެކަން ކުރިއަށްގެންދާނެކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ޝަހީބު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އޮފީސްތަކާއި އިމާރާތްތަކަށް ވަދެ ނިކުމެވޭނެގޮތް ފަހިކޮށްދިނުމަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދަށްވެސް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ވީހާވެސް އަވަހަކަށް ވީހާ ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުމަށްވެސް ވަނީ ނިންމަވާފައި. ބައެއް އޮފީސްތަކުގައި އަރާފޭބުމަށް ސިޑިތައް ފަދަ ތަކެތި އެކަށީގެންވާ ގޮތެއްގައި ފަސޭހަކަމެއް ނެތި. މިކަމަށް ފަސޭހަކަމެއް އަވަސް މުސްތަޤްބަލެއްގައި ގެންނެވުމަށް މިވަނީ ނިންމަވާފައި." މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ، އޮފީސްތަކުގެ އިމާރާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެއްސެން ހުރިނަމަ އެ ބަދަލު ވަރަށް އަވަހަށް ގެންނަވާނެކަމަށެވެ.