ޚަބަރު

ކުވެއިތާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމުގައި ޝައިޚް ނަވާފްގެ ދައުރު ބޮޑު: ރައީސް


  • ރައީސް މިހެން ވިދާޅުވީ ކުވެއިތުގެ އަމީރު ޝައިޚް ނަވާފް އަވަހާރަވުމާއި ގުޅިގެން ފޮނުއްވި މެސެޖުގައި

  • ރައީސްގެ މެސެޖުގައި ވަނީ ޝައިޚް ނަވާފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި

މިއަދު އަވަހާރަވި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙަކީ ކުވެއިތާއި ރާއްޖެއާ ދެމެދު ގުޅުން ޤާއިމްކޮށް، އެ ގުޅުން ބަދަހިކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާހް އަވަހާރަވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާ މެސެޖެއްގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށެވެ. އަދި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފަކީ ރާއްޖެއާއި ކުވޭތާއި ދެމެދު ގުޅުން ޤާއިމްކޮށް، އެ ގުޅުން ބަދަހިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސްގެ ތައުޒިޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެސެޖުގައި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފަށް ހެޔޮ ދުއާ ކުރައްވައި، އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

86 އަހަރުފުޅުގެ ޝައިޚް ނަވާފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
.
ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ ކުރީގެ ރައީސް އަލްމަރުޙޫމް ޝައިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް 2020 ވަނަ އަހަރު އަވަހާރަވުމުންނެވެ. ޝެއިޚް ނަވާފް މީގެ ކުރިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކުވައިތުގެ ދިފާޢީ ވަޒީރުކަން ހިމެނެއެވެ.

ޝެއިޚް ނަވާފް އަވަހާރަވުމުން ކުވައިތުގެ އަމީރަކަށް ދެން ވަޑައިގަންނަވާނީ ޢުމުރުން 83 އަހަރުގެ ޝެއިޚް މިޝްޢާލް އަލް އަޙްމަދު އަލް ޖާބިރެވެ.

4.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުވައިތަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ ގިނައިން ތެޔޮ ހުރި ޤައުމަށެވެ.