ޚަބަރު

"ކުދިންގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކުރެވޭ މީހަކަށްވާންޖެހޭ"


  • ހަނގާކުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި

  • ސާޖިދާ ވިދާޅުވީ ހަނގާގެ ޝިކާރައަކަށްވާ ބައެއް ކުދިން އެވާހަކަ ދައްކަން ފަސްޖެހޭކަމަށް

ކުޑަކުދިންގެ ޒިންމާ އުފުލަން ޖެހޭ ކޮންމެ މީހަކީ އެކުދިންނަށް ދިމާވާ އެކި ކަންކަން ހިއްސާކުރެވޭ ފަދަ މީހަކަށްވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ. އެކަމަނާ މިހެން ވިދާޅުވީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ.އުކުޅަހުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ހުޅުވާދެއްވާ ދެއްކެވި ވާހަކައިގައެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހާގަކުރުމަށް ބޭއްވި ހަވީރަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް އަދި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަވީރެކެވެ. ސާޖިދާ ވިދާޅުވީ ހަނގާގެ ޝިކާރައަކަށްވާ ބައެއް ކުދިން އެވާހަކަ ދައްކަން ފަސްޖެހޭކަމަށެވެ. އަދި އެއީ ސީރިއަސްކަމެއްގެ ގޮތުގައި ދެކި އެގޮތަށްދިމާވާ ސަބަބު ދެނެގަތުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ހަނގާގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަން ދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް މިދުވަހާއި ގުޅިގެން ކުރިއަށް މިގެންދާ ޙަރަކާތްތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށް ކުއްޖަކުވެފައިވާނަމަ އެފަދަ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ޢާއްމުންގެ ހޭލުންތެރިކަން އިތުރުވާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިޙަރަކާތް އިންތިޒާމުކުރުމުގައި ޙަރަކާތްތެރިވި ޔުނިސެފް މޯލްޑިވްސްގެ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް އީސީ ފެއިންގޯލްޑް ވިދާޅުވީ ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކުރުމުގައި ކުރާ ކޮންމެ މަސައްކަތެއްގައި އެޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި މިހާރު ފަލަސްޠީނުގައި ހިންގަމުންދާ ހަނގުރާމާއިގައި ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތައް އަގުނުކުރެވޭއިރު އެކަން ހުއްޓުވުމަށް ދުނިޔޭގެ ވެރިންނަށް ޔުނިސެފުން ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓްގެ ސުކޫތެއް ގެނެސްފައެވެ.

މިހަވީރުގައިވަނީ ސަރުކާރުގެ އެކި މުވައްސަސާތަކާއި ބައެއް ޖަމިއްޔާ ޖަމާޢަތްތަކުންވަނީ 10 ވަރަކަށް ސްޓޯލް ޤާއިމުކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައިވަނީ އަތޮޅުގެ އެހެން ރަށްތަކަށް އަމާޒުކޮށްވެސް އެކި ޙަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުޑަކުދިންގެ ޙައްގުތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރި ކުރުވުމުގެ އެކި ޕްރޮގްރާމްތައްވަނީ ހިންގާފައެވެ. އަދި އުކުޅަހުގައި ހުރި ގެސްޓްހައުސްތަކަށް އަމާޒުލޮށް “ޗައިލްޑް ސޭފް ޓޫރިޒަމް” އާއި ގުޅޭގޮތުންވަނީ މަޢުލޫމާތު ދެއްވާފައެވެ. ހަމައެއާއެކު ވޯޓަރސްޕޯޓްސްއާއި ފަންރަންގެ ނަމުގައިވެސް ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. މީގެއިތުރުން ރަށް ސާފުކުރުމުގެ ޙަރަކާތެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އއ.އުކުޅަހުގައިވަނީ ކުޑަކުދިންނަށް ދިމާވާ އެކި މައްސަލަތައް ޙައްލުކުރުމުގައި ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްސަ ބިލްބޯޑެއް އިފްތިތާޙްކޮށްފައެވެ. މިބިލްބޯޑު އިފްތިތާޙްކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. 1954 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.