ޚަބަރު

4 ބައި-އިލެކްޝަނެއްގެ ވޯޓުލުން މިއަދު ފަށައިފި


  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8ކުން ހަވީރު 4އަކަށް

  • މި ބައި-އިލެކްޝަނަކީ ޑަބްލިޔުޑީސީ އާއި، ކައުންސިލްތަކަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބެއް

  • ވޯޓުލުން ކުރިއަށްދަނީ ދަރުބާރުގެ އާއި، ބައި-އިލެކްޝަން ނިސްބަތްވާ ރަށްރަށުގެ ސްކޫލްގައި

4 ބައި-އިލެކްޝަނެއްގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއަދުގެ ބައި-އިލެކްޝަން ބާއްވަނީ ހއ. ކެލާ ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ނ. މާފަރާއި، އދ. ހަންޏާމީދޫގެ ކައުންސިލުން ހުސްވެފައިވާ މެންބަރުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމާއި، މާފަރު އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުން ކުރިއަށްދަނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަކާއި ހަމައަށެވެ.

އީސީން ވިދާޅުވާ ގޮތުގައި ހއ. ކެލާ، ނ. މާފަރު، އަދި އދ. ހަންޏާމީދޫގެ މާލޭގައި އުޅޭ ރައްޔިތުންނަށް ދަރުބާރުގޭގައި ވޯޓުލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ހއ. ކެލާގައި ވޯޓުލާން ހަމަޖެހިފައިވަނީ މަދަރުސަތުއްޝައިޚް އިބްރާހީމް ސްކޫލްގެ ހޯލުގައެވެ. ނ. މާފަރާއި އދ. ހަންޏާމީދޫގައި ވޯޓުލުން ކުރިއަށްދަނީ، ރަށު ސްކޫލް ހޯލުގައެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތާނގައި ގިނަ ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އީސީން ވަނީ ނިންމަވާފައެވެ. އެގޮތުން، އަންނަ ޖެނުއަރީ 13ގައި މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނެއެވެ. އަދި ހަމަ އެ ދުވަހު، މ. މުލަކު ޑަބްލިއުޑީސީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ވެސް ބައި-އިލެކްޝަނެއް އޮންނާނެއެވެ.