ޚަބަރު

ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައި ނުދެވި ތިބި މީހުންގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިއްޖެ


  • ފައިސާ ދައްކާފައި ނުދެވި ތިބި މީހުން އަދިވެސް ތިބިކަމުގެ މަޢުލޫމާތު ލިބޭ

  • އެފަދަ ފަރާތެއްވާނަމަ އެމަޢުލޫމާތު ހިއްސާކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތް

  • އެފަދަ ފަރާތްތަކަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވުމަށް މަަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވި

ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން މަކަރާއި ޙީލަތުގެ މައްސަލަތަކުގައި ޙައްޖަށް ނުދެވި ތިބި ބަޔަކު ތިބި ނަމަ އެފަރާތްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އަންގަވައިދެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް އަމިއްލަ ޖަމާޢަތްތަކުން ޢާއްމުންގެ އަތުން ފައިސާ އަތުލުމަށްފަހު ޙައްޖަށް ނުގެންގޮސް މަކަރާއި ޙީލަތުން ފައިސާ ފޭރިގެންފައިވާ މައްސަލަތަކާއި، އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަނުޖެއްސުމުގެ ސަބަބުން ފަހު ވަގުތު ޙައްޖަށް ނުގެންދެވުމުގެ މައްސަލަތަކަކީ ދޭތެރެ ދޭތެރެއިން އަޑުއިވޭ މައްސަލަތަކެކެވެ.

މިފަދަ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޙައްޔަރުކޮށް ފިޔަވަޅުއަޅާ ފައިސާ ގެއްލިގެންދިޔަ ޢާއްމު ރައްޔިތުންނަށް ޙައްޖަށް ދެވޭނެ މަގު ދިވެހި ދައުލަތުން ވަނީ ފަހިކޮށްދީ އެކި އަހަރުތަކުގައި ޙައްޖަށް ފޮނުވާފައެވެ. އެހެންނަމަވެސް މި ފުރުޞަތު ނުލިބި ތިބި ބައެއް ފަރާތްތައް އަދިވެސް ތިބިކަމުގެ ޝަކުވާއަކީ ޢާއްމުންގެ ކަންބޮޑުވުމެކެވެ.

ޕީއެސްއެމްގެ "ހަފްތާ14" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެފަދައިން ދިމާވެފައިވާ މީހުންގެ ތެރެއިން އަދިވެސް ޙައްޖަށް ނުދެވި ބައެއް ފަރާތްތަކުން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައި އެހެންނަމަވެސް ބައެއްގެ މަކަރުވެރިކަމުގެ ސަބަބުން ނުދެވި ހުރި މީހަކު ހުރިނަމަ އެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރުމަށް ވަޒީރުވަނީ އެދިވަޑައިގަންނަވާފައެވެ.

"މިހާރުވެސް އަޅުގަނޑަށް ޚަބަރުލިބޭ ބައެއް މީހުންނަށް އަޅުގަނޑުމެންގެ ސަރުކާރު ނިމިދިޔަ ފަހުން އެހެން ބައެއް ޖަމާޢާތްތަކުންވެސް އެހެން ގެއްލުންވެފައި ތިބި ބަޔަކު ކޮންމެވެސް ވަރަކަށް ތިބިކަން. އެފަދަ މީހުންނަށް އެފަދަ މީހުން ތިބިއްޔާ، އެއީ ފަރުޟު ޙައްޖުކުރަން ދާންބޭނުންވެފައި ތިބި ބައެއްކަމުގައިވާނަމަ އަޅުގަނޑުމެންނާއި ހަމައަށް މަޢުލޫމާތު ގެނެސްދެއްވަންވީ އިރާދަކުރެއްވިއްޔާ އެމީހުންނަށް ރަނގަޅުގޮތްތައް ހޯދަދޭން އަޅުގަނޑުމެން މަސައްކަތްކޮށްދޭނަން." ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޙައްޖަށް ދާން ބޭނުންވެގެން ޙައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. މި މައްސަލަ ބޮޑުވި މައިގަނޑު އެއް ސަބަބަކީ ކޯވިޑް-19އާއި ގުޅިގެން ޙައްޖަށް އެއް އަހަރު ނުފޮނުވުމާއި، އޭގެ އަހަރެއްފަހުން ފޮނުވާ މީހުންގެ ޢަދަދު ލިމިޓުވުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގައި އޮތް ޙައްޖު ކިޔު ކުޑަކުރުމަށް ސަޢުދީ ސަރުކާރާއެކު މަޝްވަރާކޮށް މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޮންމެ އަހަރަކުވެސް ސަޢުދީ ސަރުކާރުން ދިވެހި ދައުލަތަށް 1000 ކޯޓާ ދޫކުރެއެވެ. މި ޢަދަދު އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލިބޭ ޢާމްދަނީއިން ޙައްޖަށް ދިޔުމަށް ފައިސާ ރައްކާނުކުރެވޭ މީހުންގެ ތެރެއިން ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވޭނެ މަގު ފަހިކުރުމަށް ކޮންމެ އަހަރަކު އެފަދަ 50 މީހުން ޙައްޖަށް ފޮނުވުމަށް ނިންމަވާފައެވެ. 1445 ވަނަ އަހަރު މިފަދައިން ޙައްޖަށް ފޮނުވާ 50 މީހުންގެ ޙައްޖުގެ ޚަރަދުތައް ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ ޒަކާތު ފަންޑުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.