ކުޅިވަރު

އެންމެ ކާމިޔާބު ކްލަބް އަދި ކޯޗާއި ދެކޮޅަށް ނިކުތުމަކީ ޝަރަފެއް


ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް އަދި ރާއްޖެއައި އެންމެ ކާމިޔާބު ބިދޭސީ ކޯޗާއި ދެކޮޅަށް މާދަމާގެ މެޗުގައި ނިކުތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

 މާދަމާރޭ ކުޅޭ އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކޯޗް އަލީ ސުޒޭން ބުނީ ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ކަމަށާއި، ނިއުގެ ކޯޗް ސްޓޮއިކޯފްއަކީ ރާއްޖެއައި އެންމެ ކާމިޔާބު ކޯޗްކަމަށެވެ. 

އެހެންކަމުން މާދަމާރޭގެ މެޗަކީ އޭނާއަށް ވަރަށް ޚާއްސަ މެޗެއްކަމަށާއި، އުއްމީދަކީ ޗެރިޓީ ޝީލްޑް ދެވަނަ ފަހަރަށް އުފުލާލުންކަމަށް އޭނާ ބުންޏެވެ. ސުޒޭން ބުނީ މާދަމާރޭގެ މެޗުގައި ވާދަކުރާ ދެ ޓީމަކީ މިއަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ޓީމަށްވުމުން ފޯރިގަދަ ކުޅުމެއް ފެނިގެންދާނެކަމަށެވެ.

"ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް އަދި އެންމެ ކާމިޔާބު ކޯޗާއި ދެކޮޅަށް ނިކުތުމަކީ ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް ޚާއްސަކަމެއް. މި ކޯޗް ހުރުމަކީ މާދަމާގެ މެޗަށް ނިއު ނިކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖް. އެހެން ކަމުން  ފޯރިގަދަ މެޗެއް ފެނިގެންދާނެ." ސުޒޭން ބުޏްޏެވެ.

މާދަމާރޭގެ މެޗަށް ނިކުތުމުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗް ޔޮރްދާން ސްޓޮއިކޯފް ބުނީ ނިއުރޭޑިއަންޓުން މިއަންނަނީ މުޅިން އާ ޓީމެއް ބިނާކުރަމުންކަމަށާއި، މީ އެކުޅުންތެރިންނަށްވެސް ކުރިމަތިވާނެ ރަނގަޅު އިމްތިހާނެއްކަމަށެވެ. 

އަނިޔާއަށްފަހު ކެޕްޓަން މުޙައްމަދު ރަޝީދު މާދަމާރޭގެ މެޗަށް ފިޓްވެފައިވާކަމަށާއި، ހުރިހާ ކުޅުންތެރިންގެވެސް އުއްމީދަކީ މާދަމާރޭގެ މެޗުން މޮޅުވެ ނިއުރޭޑިއަންޓްގެ ނަން ދިފާއުކުރުންކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މިއަންނަނީ މުޅިން އާ ޓީމެއް ބިނާކުރަމުން، މި ކުޅުންތެރިން އަބަދުވެސް ތިބެނީ ތައްޔާރަށް ކޮންމެ މެޗަކަށްވެސް، ނިއުރޭޑިއަންޓްގެ ނަން ދިފާއުކުރެވޭތޯ ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރާނެ،" ސްޓޮއިކޯފް ބުންޏެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗް ފަށާނީ މާދަމާރޭ ނުވައެއް ޖަހާއިރުއެވެ.