ޚަބަރު

ދަރިމައިވުމުގެ ޚިދުމަތް އާސަންދައަށް: ޒަމާންވީ ބޮޑު ބުރައަށް، ބޮޑު ލުޔެއް


  • ދަރިމައިވުމުގައި މައްސަލަ ދިމާވާ މީހުން ރާއްޖޭގައި ވަރަށް ގިނަ

  • މިއީ އަގުބޮޑު ފަރުވާއެއް

  • މި ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރައްވާނެ ކަންތައްތައް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ. އެއީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ހަފްތާ14 ގައި ކުރަން ކަނޑައާޅުއްވާފައިވާ ކަންކަމަކީ މިހާރުން މިހާރަށް ކުރަން ނިންމަވާފައިވާ އެންމެ މުހިންމު ކަންކަމެވެ. ނަމަވެސް މިއީ މި 14 ހަފްތާގެ ތެރޭގައި ހަމައެކަނި ކުރައްވާނެ ކަންކަން ނޫންކަން ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުގެ "ހަފުތާ14 މަގުޗާޓު"ގެ ފުރަތަމަ 4 ހަފުތާ ނިމިގެންދިޔައިރު ޙާޞިލުކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިންސައްތަ ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ދަރިމައިވުމުގެ ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިގެންގޮސްފައެވެ.

ދަރިމައިވުމުގައި މައްސަލަތައް ދިމާވުމަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މިހާރު ތަހައްމަލު ކުރަމުންދާ ކަމެކެވެ. ނަމަވެސް މީގެކުރިން މިކަމަށް ހޯދަންޖެހޭ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައެއް ނުވެއެވެ. މިއީ ޚަރަދުގެ ގޮތުން ބޮޑު ހޭދައެއްވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ކޮންމެ ކޮންމެ މީހަކަށް މިއީ ހޯދޭނެ ނުވަތަ ހޯދަން ފަސޭހަ ފަރުވާއެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ދުޅަހެޔޮކަމާއި ސީދާ ގޮތުންނާއި ނުސީދާގޮތުންވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. އަދި އުފާވެރި އާއިލާއެއް ބިނާކުރުމަށް މިކަމުން ހުރަސްއެޅެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިކަމަށް ހައްލެއް ގެނެސްދެއްވާފައެވެ. އެގޮތުން އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 5 ވަނަ ދުވަހު ނިންމަވާފައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ ފަރޓިލިޓީ ސެންޓަރު އިތުރަށް ހަރުދަނާކުރައްވާ، ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ޚާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ތަރައްޤީކުރައްވާނެކަން ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލުތަކުގެ ތެރެއިން މި ޚިދުމަތްދޭ ހޮސްޕިޓަލުތަކުންވެސް އާސަންދަ މެދުވެރިކޮށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

ހަމައެހެންމެ ރާއްޖެއިން ބޭރުގެ މި ޚިދުމަތްދޭ ހޮސްޕިޓަލުތައް އާސަންދައިގެ ދަށުން ގްރޭޑް ކުރައްވާ، އެތަންތަނުންވެސް ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމުގެ އުފާވެރި ޚަބަރުވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވުމުގެ ގޮތުން މި ސަރުކާރުން މިހާރު ވަނީ އަންހެނުންނަށް ދިމާވާ ސިއްޙީ ބައެއް މައްސަލަތައްކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސްއަށް އާސަންދައިގެ ދަށުން ފުލް ކަވަރޭޖު ދިނުމަށްވެސް ނިންމަވާފައެވެ.

ރާއްޖޭގައި ފާއިތުވި 2 އަހަރު އެ ބައްޔަށް ފަރުވާ ހޯދާފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެމީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، އެ ފަރުވާއަށް އާސަންދަ ފުލް ކަވަރޭޖު ނުލިބުމެވެ.

ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ މަގު ފަހިކޮށްދިނުމުގެގޮތުން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް މިހާރު ވަނީ އިޞްލާޙުވެސް ގެންނަވާފައެވެ.

މިގޮތުން މި ޤަވާއިދަށް މައިގަނޑު 2 އިޞްލާހެއް ވަނީ ގެންނަވާފައެވެ. ފުރަތަމަ އިޞްލާޙަކީ "ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ" އާސަންދަ ނުލިބޭ ޚިދުމަތްތަކުން އުނިކުރެއްވުމެވެ. އެއަށްފަހު ގެންނެވި އިޞްލާޙުގައި ބަޔާންކުރަނީ އިންފާޓިލިޓީ ނުވަތަ ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައަޅާ ވަކި އުޞޫލެއްގެ ދަށުން ކަމަށެވެ.

އާސަންދަ ކަވަރ ނުކުރާކަމަށް ބަޔާންކުރާ ޚިދުމަތްތައް ފިޔަވައި ދެންހުރި ޚިދުމަތްތައް އެކަމާއި ގުޅިގެން ކަނޑައެޅޭ ވަކި އުޞޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ. އަދި އެ އުޞޫލު ޢާންމުކޮށް ޝާއިޢުކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމަށްވެސް ޙާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ތެރޭގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.