ޚަބަރު

ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ނޫނީ އާސަންދައިން ނުލިބޭގޮތް ހަދައިފި


  • އާސަންދައިން ދޫކުރާނީ ޑޮކްޓަރު ލިޔެފައިދޭ ބްރޭންޑުގެ ބޭސް

  • އެ ބްރޭންޑެއް ނުލިބޭނަމަ ބްރޭންޑް ބަދަލުކުރެވޭނީ ޑޮކްޓަރަށް

  • ބޭސް ނުލިބޭނަމަ، އެކަން ބަލިމީހާއަށް އަންގަން ޖެހޭނެ

ޑޮކްޓަރުން ލިޔެފައިދޭ ބޭސް ސިޓީގައި ބަޔާންކުރާ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހެއް އާސަންދައިން ނުލިބޭނެގޮތް ހަދަން އެކުންފުނިން ނިންމައިފިއެވެ.

އާސަންދަ ކުންފުނިން، އާސަންދައިގެ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުއްވި ސާރކިއުލާއެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމްގެ ތެރެއިން ޑޮކްޓަރުން ބޭސް ލިޔެދެއްވާއިރު ބަލި މީހާއަަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންނަމަ، ބޭހުގެ އިންސްޓަރްކްޝަންގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރަން އެދޭކަން ލިޔަން ޖެހޭނެ ކަމަަށެވެ. މިފަދައިން ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ޙާލަތުގައި، ބޭސް ފިހާރައިން އެނޫން ބޭހެއް ބަލިމީހާއަށް ދޫކޮށްގެން ނުވާނެކަމަށެވެ. އަދި ޚިދުމަތަށް އެދިދާ ބޭސް ފިހާރާގައި އެބޭހެއް ސްކީމްގެ ތެރެއިން ދޫނުކުރެވޭނަމަ، އެކަން ބަލިމީހާއަށް އޮޅުންފިލުވައިދޭން ވާނެކަމަށެވެ.

ބޭހުގެ އިންސްޓަރްކްޝަން ގައި ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔުއްވާނަމަ ބޭސް ފިހާރައިން ބިލް ކުރަންވާނީ ބޭސް ފިހާރައިން ބަލިމީހާއަށް ދޫކުރި ބްރެންޑަށްކަމަށެވެ. އެ ބްރޭންޑުގެ ބޭސް އެއްވެސް ފިހާރައަކުން އެވަގުތު ލިބެން ނެތްނަމަ އެ ބްރޭންޑު ބަދަލުކުރުމަށް ބަލިމީހާ ޑޮކްޓަރު ކައިރީގައި އެދެންވާނެކަމަށް ބުނެފައިވެއެވެ.

ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްތަރު އެދޭ ހާލަތުގައި ބޭސް ފިހާރައިން އެނޫންބޭހެއް ދޫކޮށްފިނަމަ މިމަހުގެ 17އިން ފެށިގެންރިޖެކްޓު ކުރާނެކަމަށްވެސް އާސަންދައިން ބުންޏެވެ.