ޚަބަރު

ފުރަތަމަ 4 ހަފުތާގައި ހާސިލްކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިންސައްތަ ފުރިހަމަކޮށްފި


  • ސިޔާދަތަށް ނުރައްކާވާގޮތަށްހުރި ނުކުތާތައް އުވާލުން

  • ޕާކިން ސްޓިކާ ވަނީ މައާފްކޮށްދެއްވާފައި

  • ސިއްޙީ ޚިދުމަތަށް ގެނެވުނުން މުހިންމު ބަދަލުތައް ހިއްސާކުރި

ސަރުކާރުގެ "ހަފުތާ14"ގެ ފުރަތަމަ 4 ހަފުތާގައި ހާސިލްކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިންސައްތަ ފުރިހަމަ ކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުން މި މައުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ހަފުތާ 14 ގައި ކަނޑައަޅައި އެކުލަވާލައި ނިމިފައިވާ ކަންތައްތަކަކީ މިއަދުން މިއަދަށް ރައްޔިތުންނަށް ސީދާ ގޮތުން އޭގެ ލުއިކަން ލިބިގެންދާނެ ކަންތައްތަކާއި މިއަދު ތަންފީޒުވާން ފެށި، ކުރިޔަށް އޮތް ދުވަސްތަކަށް ދެމިގެންދާނެ ކަންތައްތައް ހިމެނޭކަން ހާމަކުރައްވާފައެވެ.

"ހަފުތާ14"ގެ ފުރަތަމަ ހަފްތާގައި ފެށުމަށް ކަޑައަޅުއްވާފައިވާ އެންމެ މުހިންމު އެއްކަމެއްގެ ގޮތުން ފިރުޒުލް ފާހަގަކުރެއްވީ ބައިލެޓްރަލް އެއްބަސްވުންތަކުގައި ހުރި ސިއްރު ބައެއް ނުކުތާތައް އުނިކުރުމުގެ މަސައްކަތެވެ. ނިމިދިޔަ ސަރުކާރުން އިންޑިއާ އާ އެކު ގޮތްނޭނގޭ 100 އެއްބަސްވުމެއް ހަދާފައިވެއެވެ. އަދި ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ ނުރައްކާވާގޮތައް ހަދާފައިހުރި ނުކުތާތައް އުނިކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއައްދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ހަމައެހެންމެ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހައިޑްރޯގްރަފީ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" އެއްބަސްވުން އައު ނުކުރުމަށް ސަރުކާރުން މިވަނީ ނިންމަވާފައި" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމީ ތަރިކަ އާލާކޮށް އިޔާދަކުރުމަށް ބޭނުންވާ މަޝްރޫއުތައް އެކަށައަޅައި އެ މަޝްރޫއުތައް ހިންގުމަށް ބޭނނުންވާ އިބްތިދާއީ މަސައްކަތާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމާއި، މަދަނީ ޙަޤުތައް ކަށަަވަރުކޮށްދީ އަވަސް ހައްލު ލިއްބައިދިނުމަށް، މުހިންމު ކަމެއްގެ ގޮތުން ސިވިލް ރައިޓްސް އޮފީހެއް ހަދާ ޚިދުމަތްދޭންފެށުމަކީ ހަފުތާ14ގައި ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އެންމެ މުހިންމު އަސާސީ އެއް ވަދުފުޅަކީ ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުމެވެ. މިގޮތުން ވެވަޑައިގެންނެވި ވައުދުފުޅަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި އާއިލާތަކަށް ވީހާވެސް ލުއި އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމެވެ. އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަށްރަށުގެ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ފްލެޓްތައް މިލްކު ކުރުމަށް ދައްކަން ޖެހޭ އަދަދު ވަނީ ކުޑަކޮށްދީފައެވެ. އަދި ހިޔާ ފްލެޓްތަކުގެ އަގުން ދެލައްކަ ރުފިޔާ އުނިކޮށް ކުރިން މި ފްލެޓްތަކަށް ދައްކަންޖެހޭ 2.25 މިލިއަން ރުފިޔާއިން 2.05 މިލިއަން ރުފިޔާއަށް ކަނޑައެޅުއްވުމަކީވެސް ފުރަތަމަ ހަތަރު ހަފްތާތެރޭގައި ކުރުމަށް ނިންމަވާ، މިހާރު ހާސިލްކޮށްފައިވާކަމެކެވެ.

ރައްޔިތުންގެ ދުޅަހެޔޮ ކަން ކަށަވަރުކޮށްދެއްވުމަށް ޞިއްހީ ދާއިރާއަށްވެސް ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގައި ހިމަނާ މިހާރުވަނީ އެކަންކަން ތަންފީޒު ކުރަންފަށާފައެވެ. އެގޮތުން ތެލެސީމިއާ ބަލިމީހުންނަށް މިހާރު ދެވޭ ކިދުމަތްތައް ފުޅާކުރުމަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދީ، އާސަންދައިގެ ދަށުން ދިވެހި ކޮނެމެ ރައްޔިތަކަށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމާ، އައިވީއެފްގެ ޚިދުމަތް ނުވަތަ ދަރިމައިވުމުގެ ޚިދުމަތް އާސަންދައިގެ ދަށަށް ބަދަލު ކުރުމަކީވެސް މި މުއްދަތުގައި ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތަކެކެވެ.

ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށް މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ހުޅުވުމަށް އެޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް ފަށްޓަވާފައި މަސައްކަތަކީ ކުރެވޭ އެންމެ މުހިންމު މަސައްކަތެވެ.

މީގެ އިތުރުން 5 އަހަރުގެ ދައުރުގެ ތެރޭގައި 1000 ފަޤީރުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާއިރު، މިއަންނަ އަހަރުގެ ހައްޖަށް 50 މީހުން ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފަައެވެ. ޕާކްކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދޔަ ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މަޢާފްކޮށްދިނުމަކީވެސް ހަފްތާ 14ގައި ފުރަތަމަ 4 ހަފްތާގައި ކުރުމަށް ކަނޑައެޅުއްވި ސިޔާސަތެކެވެ. ރައީސް ވަނީ އެ ޖޫރިމަނާތައް މަޢާފްކޮށްދެއްވާފައެވެ.

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ފޯރުކޮށްދިނުމަކީވެސް މި ހަތަރު ހަފުތާގައި ކުރުމަށް ނިންމަވާފައިވާކަމެކެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ 207 މިލިއަން ރުފިޔާގެ ތެރެއިން 146 މިލިއަން ރުފިޔާ ދީ އެފައިސާ ހަލާސްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އިޖުތިމާއީ އަދި ކުށުގެ ވެށި އަމާން ކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ފަރާތްތައް ރަގަޅުކޮށް މުޖުތަމައުއަށް ނެރުމެވެ. އެގޮތުން މިވަބާގައި ޖެހިފައި ތިބި ފަރުވާއަށް ބޭނުންވާ 700 ފަރާތެެއް ހާއްސަ ޕްރޮގްރާމެއް ހިންހިންގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.