ޚަބަރު

ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތަށް 9 އިމާމުން މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފި


  • އިމާމުން ޕީއެޗްޑީއަށް ކިޔަވުމުގެ ފުރުޞަތު ހުޅުވާލީ ނޮވެމްބަރު 18ގައި

  • މިހާތަނަށް 9 އަކަށްވުރެ ގިނަ މީހުންވަނީ އެފުރުސަތަށް އެދިފައި

  • އިމާމުން ތަމްރީނުކުރަން ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކުން ފުރުސަތުވަނީ ހޯދާފައި

މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ އެހީގައި ޕީއެޗްޑީއަށް ކިޔެވުމަށްޓަކައި ހުޅުވާލި ފުރުޞަތަށް މިހާރުވެސް 9 އަކަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށް އެފުރުސަތަށް އެދިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން މިފުރުސަތު ހުޅުވާލީ އައު ސަރުކާރު ހުވާކުރިތާ 24 ގަޑިއިރު ނުވަނީހެވެ.

އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިވަޢުދުފުޅު ފުއްދެވުމަށްޓަކައި އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ކަންތައްތަކުގެ ލިސްޓުކަމުގައިވާ "ހަފްތާ14"ގެ ލިސްޓުގައިވެސް މުހިއްމުކަންތައްތަކެއްވަނީ ހިމަނުއްވާފައެވެ.

މިކަންކަން ޙާސިލުކުރެއްވުމުގެ ޒިންމާ މަތިކުރައްވާފައިވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ މަޤާމުގެ ހުވާކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި ދީނީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ އިމާމުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ދައުލަތުގެ ޚަރަދުގައި ހޯއްދަވައިދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާކަން ހާމަކުރައްވާފައެވެ.

ސަރުކާރުގެ އެހީގައި ޕީއެޗްޑީއަށް ކިޔަވަންދާން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުޞަތާއި ގުޅޭގޮތުން ޕީއެސްއެމްގެ "ހަފްތާ14" ޕްރޮގްރާމްގައި ވާހަކަފުޅުދައްވަމުން ޑރ.ޝަހީމް ވިދާޅުވީ، މިގޮތަށް ހުޅުވާލުމުން މިވީ މަހެއްހާ ދުވަހުގެ ތެރޭގައި 9 އަކަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށެވެ.

"އިމާމުންގެ ތެރޭގައި ޕީއެޗްޑީ ހައްދަވަން ބޭނުންފުޅުވާ 9 އެއް ނުވަތަ 11 ވަރަކަށް ބޭފުޅުންވަނީ ރިކުއެސްޓްކުރައްވާފައި ޕީއެޗްޑީއަށް ކިޔަވަން ދިޔުމަށް. އެކަމަށް ބޭނުންވާ އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު އެބޭފުޅުންނަށް ފުރުސަތު ހުޅުވާލާނަން. އަޅުގަނޑުމެން ކިޔަވަން ފޮނުވާނަން. އަޅުގަނޑުމެން މެލޭޝިއާއަށް، ބުރުނާއީއަށް، މިސްރަށްމ ސަޢުދީޢަރަބިއްޔާއަށް، އިންޑޮނޭޝިޔާއަށް. މިހުރިހާ ޤައުމަކާއެކު އަޅުގަނޑުމެންވާނީ މިހާރު ވާހަކަދައްކާފައި." މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ތިއްބެވި އިމާމުންނަކީ ފިޤުހުގެ ޢިލްމާއި ދީނީ އެނޫން ކަންކަމަށްވެސް ވަރަށް މޮޅެތި ބޭފުޅުންކަމަށެވެ. އެހެންނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދީނީ ކަންކަމަށް މީހުން އަހުލުވެރިކުރުވުމާއި ދީނީ ކަންކަން މީހުންނަށް ފަސޭހަކޮށްދެއްވުމުގައި ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި ބޭނުންކޮށްފައިވާ އީޖާދީ ވިސްނުންތައް ބަލާ އެކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ، އިމާމުން ޕީއެޗްޑީއަށް ކިޔެވުމަށް ފޮނުވުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޤައުމުތަކާއި ގުޅިގެން މިދާއިރާ ފުޅާކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިމާމުން ތަމްރީނުކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި މިސްކިތްތަކަކަކީ ގަވާއިދުން ބަލަހައްޓަމުންދާ އަދި އާބާތުރަ ފިލުވާ ތަންތަނުގެ ގޮތުގައި ހެދުމަށް ކަންކަން އިންތިޒާމުތައް އެކުލަވާލަމުންދަކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.