ޚަބަރު

ގޭބިސީތަކުން މަގުމައްޗަށް ކުނިއަޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ވެމްކޯ


  • މަގުމަތީގައި ހުންނަ ބޮޑެތި ކުނި ވަކިން ވެހިކަލް ފޮނުވައިގެން ވެމްކޯއިން ނަގާ

  • ކުނި ނެގުމުގައި ގެންގުޅޭ ޕެކިންގ ސްޓޭންޑެޑަށް އާންމުން ސަމާލުވާން ޖެހޭ

  • މަގުމައްޗަށް ކުނި ނޭޅުމަށް ވެމްކޯއިން އިލްތިމާސްކުރޭ

ކުނީގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހައްލެއް ގެނެވިފައިނުވާ ބޮޑު މައްސަލައެކެވެ. މަގުމައްޗަށް ކުނިއެޅުމާއި މަގުމަތީގެ ކަންކަންމަތީގައި ކުނި ބެހެއްޓުމަކީ މާލޭގައި ޒަމާންވެފައިވާ އާދައެކެވެ. އަދި މިކަންކަމަކީ މިހާތަނަށް އާއިރު ބަދަލެއް ގެނެވިފައި ނުވާ ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯ އުފައްދައި މާލޭގައި ވަކި އުޞޫލަކުން ކުނި އުކާލުމުގެ ޚިދުމަތް ފެށީ 2017 ވަނަ އަހަރުއެވެ. އެ ކުންފުނިން މިހާތަނަށްވެސް ވަނީ ކުންފުނީގެ ޚިދުމަތްތައް ރަނގަޅުކޮށް، ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

މަގުމަތީގެ ކަންކަންމަތީގައި ކުނި ގިނަވާ މައްސަލައާއި ގުޅިގެން ވެމްކޯއިން ބުނީ މިހާރު އަމަލުކުރަމުންދާ ދަވާއިދުގެ ދަށުން، އެއްވެސް ގެއަކުން މަގުމަތީގައި ކުނި ބަހައްޓަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމުގައެވެ. އެއީ ކުނީގެ ބިލް ޔުޓިލިޓީ ބިލާއެކު ދައްކަން ޖެހޭގޮތަށް އެ އުސޫލަށް ގެނެވުނު ބަދަލާއި ގުޅިގެންނެވެ. ނަމަވެސް މިހާރުވެސް މަގުމަތީގެ އެތަންމިތަނުގައި އާންމުން ކުނި ބަހައްޓާފައި ހުންނަކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ވެމްކޯއިން ބުނީ ކުނި ނެގުމުގައި މިހާރު ޚާއްސަ ޕެކިންގ ސްޓޭންޑެޑައް ވެމްކޯއިން ގެންގުޅޭކަމުގައެވެ. އަދި ޕެކްކުރުމުގައި އެސްޓޭންޑެޑަށް ނުފެތޭ ކުނި ވެމްކޯއިން ނުނަގާކަމަށާއި، އެފަދަ ގޮތަކަށް ޕެކް ކޮށްފައި ހުރެއްޖެނަމަ ގޭގެ ވެރިފަރާތަށް ތަކުރާރުކޮށް ހަނދާންކޮށްދޭ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

އެގޮތުން ގޭބިސީތަކުން އުކާލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމުގަޔާއި އެނޫން ގޮތަކަށް ނެރޭ ކުންޏާއި ހަވާލުނުވުމުގެ އިޚުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް އޮންނާނެކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ. ކުނިވާ ބާވަތްތަކާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ކުނިތައް ވަކި ކުރުމަށްފަހު ކުނި އުކާޅަން ވެމްކޯއަށް ހަވާލުކުރުމަށް ވެމްކޯއިން ވަނީ އާންމުންނަށް އިލްތިމަސް ކުރައްވާފައެވެ.

މަގުމައްޗަށް އުކާފައި ހުންނަ ކުންޔާއި ގުޅޭގޮތުން ވެމްކޯއިން ބުނީ އެގޮތަށް އެކަންތަށް ނުކުރުމަށް އާންމުންމަށް ނަސޭހަތްތެރިވެފައިވާކަމަށާއި، މިކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިކަންކަމާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ވެމްކޯއިން އަންނަނީ އެކި ހަރަކާތްތައްވެސް ހިންގަމުންނެވެ. އެގޮތުން މަގުމަތީގެ އެކި ތަންތަނުގައި ކުނި މާބޮޑަށް ގިނަވާ ދުވަސްވަރުގައި މިކެމްޕެއިންތަކުގެ ދަށުން އެކުނިތައް ނަގާ ކަމަށާއި އެގޮޮތަށް ނުނެގޭ ބޮޑެތި ކުނި ހުރެއްޖެނަމަ ވަކިން ވެހިކަލް ފޮނުވައިގެން ނަގާކަމުގައިވެސް ވެމްކޯއިން ވަނީ ބުނެފައެެވެ.

މާލޭގެ މަގުމައްޗަށް ކުނިއަޅާ މައްސަލައިގައި ކުނިއަޅާ ފަރާތް ޖޫރިމަނާ ކުރުމަށްވެސް މިއަހަރުގެ ތެރޭގައި ވަނީ ނިންމާފައެވެ. މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާކުރުމުގެ ބާރު "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުޞޫލުގެ ދަށުން އެކައުންސިލަށް ލިބިގެންވެއެވެ.

މިގޮތުން މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ނިންމާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު"ގެ ދަށުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި "އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" އަށް ރިއާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ވެމްކޯއިން ވަނީ އާންމުން މިގޮތަށް ކަންތައްތައް ކުރަމުންދާތީ މަގުމައްޗަށް ކުނިނޭޅުމަށާއި ހެދިފައިވާ ގަވާއިދާއި އުޞޫލުގެ މަތިން ކަންތައްތައް ކުރުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.