ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ރޭ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށް، ސައްތައިން ސައްތަ ރިކޯޑަކާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ނުވަ އަހަރުން ފެށިގެން ސިޓީގެ އުމުރުފުރާ ޓީމުތަކަށް ކުޅެމުން އައިސް ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އުމުރުން 20 އަހަރުގެ ހަމިލްޓަންއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އޮސްކާ ބޮބްއެވެ. 20 އަހަރުގެ ބޮބް އަކީވެސް ސިޓީގެ އެކެޑަމީން ތަމްރީނުކުރި ކުޅުންތެރިއެކެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ރެޑް ސްޓާގެ ހުވަން އިން-ބެއޮމް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަލްވިން ފިލިޕްސް ވަނީ ސިޓީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބެލްގްރޭޑުން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައި ކަޓާއީ ކާމިޔާބުކުރި ލަނޑުންނެވެ.
މި މޮޅާއެކު ދެވަނަ ބުރަށް ސިޓީ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ސިޓީއަށް ހަ މެޗުން 18 ޕޮއިންޓް ލިބުނުއިރު، މި ގްރޫޕުގެ ދެވަނައަށް ދިޔައީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެން އާރްބީ ލައިޕްޒީގެވެ. ރޭ ކުޅުނު މެޗުން ލައިޕްޒީގް ވަނީ 2-1 ގެ ނަތީޖާއަކުން ސްވިޓްޒަލަންޑުގެ ޔަންގް ބޯއީސް ބަލިކޮށްފައެވެ.