ޚަބަރު

ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި


  • ރާއްޖެއަށްވަނީ 1752706 ފަތުރުވެރިން ޒިޔާރަތްކޮށްފައި

  • 2019ވަނަ އަހަރުގެ ރެކޯޑަކީ 1702831 ފަތުރުވެރިން

  • ކުރީގެ ރެކޯޑާއި އަޅާ ބަލާއިރު، 49875ގެ އިތުރުވުމެއް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1752706 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެއަށްވަނީ 1702831 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިރިކޯޑާ އަޅާބަލާއިރު މިމަހުގެ 12ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ 49875 އިތުރުވެފައެވެ.

ކޯވިޑާއި ގުޅިގެން ދަތުރުފަތުރުކުރުން މަޑު ޖެހުމާއެކު ފާއިތުވީ 3 އަހަރުވެސް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު، މަދުންނެވެ. އެގޮތުން 2020ވަނަ އަހަރު ރާއްޖެއަށް 555494 ފަތުރުވެރިން އައިސްފައިވާއިރު، 2021ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ. އަދި 2022ވަނަ އަހަރު ރާއްޖެއަށް ވަނީ 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދަށް ބަލާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 47294 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5738 ފަތުރުވެރިން އާދެއެވެ. އެހެންކަމުން މިމަހުގެ ފަހުކޮޅު ރާއްޖެއިން މިއަހަރަށް ހިފާފައިވާ އަމާޒް ހާސިލްވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

* ރަޝިއާ – 197364 ފަތުރުވެރިން
* އިންޑިއާ – 193693 ފަތުރުވެރިން
* ޗައިނާ – 180524 ފަތުރުވެރިން
* އިނގިރޭސިވިލާތް – 143988 ފަތުރުވެރިން
* ޖަރުމަނުވިލާތް – 127618 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 1135 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުޅުވާފައެވެ. އަދި ބެޑް ކެޕޭސިޓީއަކީ 61207 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.