އެމެރިކާއާއި ޔަހޫދީންނާ ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެއީ ކުޅަދާނަ ކަމަކަށް ނުވާނެ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވެއްޖެއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާ ގުޅޭ ގޮތުން އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވީ، ޙަމާސްއިން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސިޔާސީ ހައްލެއް ހޯދުން ކަމުގައެވެ.
އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ސްޓިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ އ.ދގެ އޮފީހުގައި ތަޤުރީރު ކުރައްވަމުންނެވެ. އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވީ ޙަމާސްއަކީ ޓެރެރިސްޓު ޖަމާޢަތެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތެއް ކަމުގައެވެ. "އެމެރިކާއާއި ޔަހޫދީން ގުޅިގެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ޙަމާސް ނައްތައިލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އަމީރުޢަބްދައްލިހައްޔާނީ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 18,600 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 6,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އަރާފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަކީ އީރާނުން ވާގިވެރިވާ ޖަމާޢަތެކެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ ލާއިންސާނީ އުދުވާން ފެށުމުން، އީރާނުން ވާގިވެރިވާ ހަތިޔާރުއެޅި އެހެން ޖަމާޢަތްތަކުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު ނަގާފައެވެ. މީގެ ތެރޭގައި ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތާއި، ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީން ހިމެނެއެވެ. އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ޙަމާސްއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ހަރަކާތްތެރިވާން ފަށާފައެވެ.
އީރާނުގެ ޒައީމް އާޔަތުالله ޢަލީ ޚާމަންއީ ވެސް ދާދި ފަހުން ވަނީ ޒަޔަނިސްޓު އިސްރާޢީލާ އެކު އޮތް ގުޅުންތައް ކަނޑައިލަން މުސްލިމް ޤައުމުތަކަށް ގޮވައިލައްވާފައެވެ. އަދި، ޔަހޫދީންނަށް ތެލާއި ކާބޯތަކެތި ވިއްކުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.