ޚަބަރު

މީގެފަހުން ބޭސް އެތެރެކުރެވޭނީ ލެބޯރެޓަރީ ޓެސްޓް ރިޕޯޓެއް ހުށައެޅުމުން: އެމްއެފްޑީއޭ


  • ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

  • ބޭސް އެތެރެކުރެވޭނީ ލެބޯޓްރީ ޓެސްޓަކާއިއެކު

  • މާކެޓުން ސާންޕަލް ނަގައިގެން ބޭސް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި މީގެފަހުން ބޭސް އެތެރެކުރެވޭނީ ލެބޯރެޓަރީ ޓެސްޓު ރިޕޯޓެއް ހުށައެޅުމުންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެޕްޑީއޭއިން މިގޮތަށް ކަނޑައަޅާފައިވަނީ ދާދިފަހުން ރާއްޖެ އެތެރެކޮށް ވިއްކަންހުރި ގިނަ އަދަދެއްގެ ބޭސްތަކަކުން ކެމިކަލް މާއްދާތަކެއް ފެނުމާއި ގުޅިގެންނެވެ.

ޑަބްލިއުއެޗްއޯއިން މިއަހަރުގެ ޖަނަވަރީމަހު ވަނީ މެންބަރ ޤައުމުތަކަށް މިފަދަ ބޭސް އެތެރެކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. މިއާއެކު މިހާރު ރާއްޖެއިންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ، ރާއްޖެއިން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް ރާއްޖޭގެ ވިޖެލެންސް ސިސްޓަމް ވަރުގަދަކުރުމަށާއި އަދި ރާއްޖޭގެ މާކެޓްގައި ހުރި އެއްޗެހި ޓެސްޓު ކުރުމުގެ މަސައްކަތް ކުރެވޭނެ ހުރިހާ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެފަހުން ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގައި ކެމިކަލް ނެތްކަމުގެ ލެބޯރެޓަރީ ޓެސްޓު ރިޕޯޓެއް ހުށައަޅަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

" ރާއްޖެއަށް މިފަދަ ކޯފް ސިރަޕްތައް އެތެރެކުރާއިރުގައި މިޖެހެނީ ކެމިކަލް ނެތްކަމުގެ ލެބޯޓްރީ ޓެސްޓު ރިޕޯޓެއް ސަބްމިޓްކުރަން. މިހާރު އެ އިންޕްލިމަންޓް ވެފައިވާނީ. މިހާރު ރާއްޖެއަށް އެތެރެވާ ހުރިހައި ކޯފް ސިރަޕްއެއްވެސް ކޯފް ސިރަޕް ނޫނަސް އަޅުގަނޑުމެން މި ފާހަގަކުރާ ނުރައްކާތެރި ކެމިކަލް އެޅުމުގެ ފުރުސަތު އޮތް ހުރިހައި ބޭހެއްވެސް މިވަގުތު ރާއްޖެއަށް އެތެރެކުރާނީ ޑައިއިތައިލީން ގްލައިކޯލްއާއި އިތައިލިން ގްލައިކޯލް ނެތްކަން ޔަޤީންކޮށްދޭ ލެބޯޓްރީ ތަހުލީލަކަށް ފަހުގައި. އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ނެގި މެޝާރައަކީ." އައިޝަތު ޖަލީލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އެއްވެސް ބޭހެއް ރަޖިސްޓަރ ކުރާއިރު ކުންފުނިން ބަލަންޖެހޭ މިންގަނޑުތައް މިހާރު ހަރުދަނާކޮށްފައިވާކަމަށެވެ. އެގޮތުން ބޭސް އުފެއްދުމުގައި ބޭނުންކުރާ އެކްސީޕިއަންޓްގައިވެސް ކެމިކަލް ނެތްކަން ރަޖިސްޓްރޭޝަން މަރުހަލާގައިވެސް ހުށައަޅަންޖެހޭ ގޮތަށް ޕްރޮޑަކްޓް ރަޖިސްޓްރޭޝަން ގައިޑްލައިންއަށް ބަދަލުގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލީލާ ވިދާޅުވީ، ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނިން އުފައްދާ ބޭސްތަކަކުން ކެމިކަލް ހުރިކަން އެންމެ ފުރަތަމަ ފާހަގަވެފައިވަނީ ރާއްޖެއަށްކަމަށެވެ. އެއީ ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް(DEG) އަދި އިތައިލީން ގްލައިކޯލް (EG) އެވެ. މިއާއިއެކު ރާއްޖެއިން ވަގުތުން އެހެން ޤައުމުތަކުގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމަ ވަގުތުން ރާއްޖޭގެ މާކެޓްގައި ހުރި ހުރިހައި ޕްރޮޑަކްޓް ވަގުތުން ބޭންކުރެވި ހުރިހައި ފާމަސީތަކަކުންނާއި ހުރިހައި ހެލްތް ފެސިލިޓީތަކަކުން މި ޕްރޮޑަކްޓްތައް ވާނީ ނަގާފައި. އަދި ވަގުތުން މިކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައިން. ޑަބްލިއުއެޗްއޯ މެދުވެރިކޮށް މި ރީޖަންގެ ބައިވަރު ގައުމުތަކުގައި އެބަހުރި ކުންފުނީގެ ޕްރޮޑަކްޓްތައް. އެ ޤައުމުތަކަށްވެސް އަޅުގަނޑުމެން އެލާރޓް ކޮށްދިނިން." އައިޝަތު ޖަލީލާ ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، މުސްތަޤްބަލްގައި ރާއްޖެއަށް މިފަދަ ބޭހެއް އެތެރެވުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައްވެސް އަޅަމުންދާކަމަށެވެ. އެގޮތުން މާކެޓްއިން ސާންޕަލް ނަގައިގެން މިއަށްވުރެ އަވަހަށް ބޭސްތައް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.