ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2 މީހެއްގެ މައްޗަށް 202 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މއ.އެރަލްސީ، ޙަސަން މަމްދޫހްގެ މައްޗަށް ކުރާ ދައުވާތަކާއި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށްކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައިގައި މަމްދޫހުގެ މައްޗަށް 104 ދައުވާއެއް އުފުލާފައިވާކަމަށެވެ. އޭގެތެރޭގައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމުގެ ކުށާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ ދައުވާތައް ހިމެނެއެވެ.
ޖައިޝާން ސަޢީދުގެ މައްޗަށް 97 ދައުވާއެއް އުފުލާފައިވާއިރު އޭގެތެރޭގައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށާއި، ޓެކުމުގެ ކުށާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ އިތުރުން އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށް ހިމެނެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މި ދައުވާތައް އުފުލަނީ މި މައްސަލައިގައި ގެއްލުން ލިބުނު 51 މީހަކާއި ގުޅިގެންކަމަށެވެ.
ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގާފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ޕީޖީން ވިދާޅުވެއެވެ. އެގޮތުން 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާކަން އެނގެން އޮތްކަމަށް ޕީޖީން ވިދާޅުވެއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއާއި އެތަނުގައި ހުރި އަގުބޮޑު މުދާތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.