ޚަބަރު

މުޒާހަރާ ކުރާއިރު ފުލުހުންގެ ސަފުތަކަށް އަރައިގަނެވިގެން ނުވާނެ


މުޒާހަރާކުރުމުގެ މިނިވަންކަން ހުރިހާ ރައްޔިތުންނަށް ވެސް ލިބިފައިވާ ކަމަށާއި، މުޒާހަރާ ކުރާއިރު ފުލުހުންގެ ސަފުތަކަށް އަރައިގަތުމަކީ ޤަބޫލުފުޅު ކުރެއްވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނަކީ މަތިވެރި އިންސާނީ ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި، ޢާންމު ރައްޔިތުންނެކޭ އެއްފަދައިން ފުލުހުންނަކީވެސް އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ލިބިގެންވާ ބައެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޒާހަރާކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ޤާނުނުގެ ދަށުން ލިބިގެންވާ ކަމަށާއި، ނަމަވެސް، މި ޙައްޤު ފުލުހުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިގެން ދިއުމަކީ ހަމަނުޖެހުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ.

ފުލުހުން ކޮންމެ ދުވަހަކު ދެމުންދާ ޚިދުމަތުގެ ބޮޑުކަން ހިތަށްވެސް ނުގެނެވޭނެ ކަމަށާއި، ފުލުހުންގެ ޚިދުމަތަށް ފަސޭހަވެގެންދާނީ ބަސްއަހާ ކިޔަމަންތެރި މުޖުތަމައެއް އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ފަރާތެއްގެ ހައްޤު ގެއްލިގެން ނުދާގޮތަށް ހަމަހަމަކަމާއިއެކު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ، ފުލުހުންގެ މަސައްކަތާއި ޚިދުމަތް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ.