ޚަބަރު

މިއަހަރު ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ޤާއިމްކުރަނީ


މިއަހަރުގެ ތެރޭގައި ރާާއްޖޭގައި އަސްކަރީ ކޯޓަކާއި، ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ފެންވަރުގެ, ބޭރުގެ ފަނޑިޔާރުން ތިއްބަވާ އާބިޓްރޭޝަން ސެންޓަރެއް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އަސްކަރީ ކޯޓް ޤާއިމްކުރުމާއި ބެހޭ ޤާނޫނު މިހާރު ޑްރާފްޓް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުލުހުންގެ 83 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ޤާއިމްކުރައްވަން ނިންމެވީ މިހާރު ހިނގަމުންދާ މަދަނީ ކޯޓުތައް ގޯސްވެގެން ނޫންކަމަށެވެ. ނަމަވެސް ރާއްޖެއަށް އިޤްތިޞާދީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ މިފަދަ ވަގުތެއްގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި، ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރެވޭނެ، އަދި ވިޔަފާރިއާއި ގުޅޭ ކޯޓެއް ހުންނަންޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާތީކަމަށެވެ.

އާބިޓްރޭޝަން ސެންޓަރު ޤާއިމްކުރައްވާނީ ސިންގަޕޫރުގެ އެހީތެރިކަމާއިއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ސިފައިންގެ ތެރޭގައި އުފެދޭ މައްސަލަތަކުގައި ކަންކަން ނިންމުމަށް އަސްކަރީ ކޯޓެއް ރާއްޖޭގައިވެސް ހުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިންސާނީ ޙަައްޤުގެ ދާއިރާ ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ، ކަމާގުޅުންހުރި ފަންނީ މާހިރަކު ހޯދުމުގެ މަސައްކަތް މީހާރު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެހީތެރިކަމަށް މިހާރު އެދިވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އައު ޤާނޫނޫލް އުގޫބާތަށް ޢަަމަލުކުރަމުންދާއިރު ފުށޫއަރާ އެތައް ޤާނޫނުތައް އެބަހުރިކަމަށާއި، އެ ޤާނޫނުތައް އިޞްލާޙުކުރުމަށް މާސްޓަރ ޕްލޭނެއްގެ ދަށުން މަސައްކަތް ފެށުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަރާތްތަކުން ފޮނުވާ ތަޖުރިބާކާރުންގެ އެހީގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވަނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ރާއްޖޭގެ އަތޮޅުތަކާބެހޭ ވަޒީރުގެ މަޤާމު ފުރުއްވި ދުވަސްވަރު، ދިވެހި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ތަޢާރަފްކޮށް ޒަމާނީ ކުރިއެރުންތަކާއެކު އެ ޙިދުމަތް ފުޅާކުރުމަށްޓަކައި ކުރެވުނު މަސައްކަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ ޝަރަފުވެރި އައްޑަނަ އެމަރްޙޫމްގެ ޢާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވަވާފައެވެ.