ޚަބަރު

ސްކޫލެއްގައި ކުއްޖަކަށް ހަނގާކުރި މައްސަލަ ދަނީ ބަލަމުން: ތަޢުލީމީ ވުޒާރާ


  • ހަނގާކޮށްފައިވަނީ ގްރޭޑް 1ގައި އުޅޭ ކުއްޖަކަށް

  • ކުއްޖާގެ ބޮލުން އިސްތަށި އުފުރާ، ޔުނީފޯމުވެސް ވަނީ ކަފާފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާހުއްދީން ސްކޫލްގައި، ގްރޭޑް 1ގެ ކުއްޖަކަށް ހަނގާކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގްރޭޑް 1ގައި ކިޔަވަމުންދާ ފިރިހެން ކުއްޖަކަށް، އެކިކަހަލަ އަނިޔާކޮށް، ކުއްޖާގެ ޔުނީފޯމު ކަތުރުން ކަފާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދަޢުރުވަމުންނެވެ.

އެޕޯސްޓްގައި ބުނެފައިވަނީ، ކުއްޖާ ސްކޫލަށް ދާން ފަސްޖެހޭކަމަށާއި އަދި ސްކޫލަށްދާ ދުވަސް ދުވަހުވެސް ކުއްޖާ ގެއަށް އަންނަނީ ހާސްކަމެއްގައިކަމަށެވެ. އަދި ކުއްޖާގެ ސްކޫލް ސާމާނަށްވެސް ގެއްލުންދީފައި ހުންނަކަމަށެވެ. އެހެންކަމުން ޓީޗަރަށާއި ސްކޫލަށްވެސް އެކަން އެންގުމުން މާބޮޑު އާޅާލުމެއް އެ މައްސަލައިގައި ލިބިފައިނުވާ ކަމަށް، ކުއްޖާގެ ބެލެނިވެރިޔާއާއި ހަވާލާދީ އެ ޕޯސްޓްގައި ލިޔެފައިވެއެވެ.

އަދި އިއްޔެ ކުއްޖާ ގެއަށް އައިިރު، ކުއްޖާގެ ބޮލުން އިސްތަށި އުފުރާ، ކުލަފަންސުރު ބިންދާ އަދި ކުއްޖާ ލައިގެންހުރި އެކްޓިވިޓީ ޔުނިފޯމްގެ ސޯޓު ކަތުރުން ކަފާފައި ހުރިކަމަށްވެސް އެ ޕޯސްޓްގައި ވަނީ ލިޔެފައެވެ.

މި މައްސަލަ ކުއްޖާގެ ބެލެނިވެރިން ސްކޫލަށް ހުށައަޅާފައިވާއިރު، ތަޢުލީމީ ވުޒާރާއިން ވިދާޅުވީ އެމައްސަލަ ވުޒާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން މިހާރު ބަލަމުންދާކަމަށެވެ.