ޚަބަރު

ކުދި ކުށްތަކުގައި ދަޢުވާކުރުމުގެ ބާރު ފުލުހުންނަށް ދެނީ


ކުދި ކުށްކުރާ ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙުޤީގު ކުރުމަށްޓަކައި، މިފަދަ މައްސަލަތަކުގައި ދަޢުވާކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 83 އަހަރުފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ކުދި ކުށްކުށަށް އަރައިގަންނަ ފަރާތްތަކަށް އަވަހަށް އިންސާފު ނުލިބުމުން އެތައް އަހަރެއް ވަންދެން އަދަބު ލިބޭނެ ވަގުތެއް ނޭނގި ބިރެއްގެ މަތީގައި އެމީހުން ތިބޭކަމަށެވެ. ނަމަވެސް ކުދި ކުށްތައް ކުރާ ފަރާތްތަކާމެދު ދައުވާކުރުމުގެ ބާރު އަންނަ އަހަރުގެ ތެރޭގައި ފުލުހުންނަށް ލިބިގެންދިއުމުން، ކުރިން ގިނަ އަހަރުތަކެއްނަގާ މައްސަލަތަކުގައި 24 ގަޑިއިރުގެ ތެރޭގައި އަދުލް އިންސާފު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. 

މި ނިޒާމަށް އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އަމަލުކުރަމުން ގެންދާކަމަށް ވިދާޅުވެ އެމަނިކުފާނު މިސާލު ދެއްކެވިއެވެ. މިކަން ކުރައްވަނީ ޕްރޮސެކިއުޓަރ ޖެނެރަލާއި ބަންޑާރަ ނާއިބުގެ މަޝްވަރާގެ މަތިންކަން ފާހަގަކުރައްވާ، މިކަން ކުރުމަށް ޤާނޫނަށް ބަދަލެއް ގެންނަވަންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވާހަކަފުޅުގައި، އަންނަ އަހަރުގެ ތެރޭގައި ފޮޓޯ އެންފޯސްމަންޓް ނިޒާމެއް ޤާއިމްކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއެރުވުމަށް ކުރައްވާ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ޤަވާއިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކަރ ޖެހުމުގެ ބަދަލުގައި، އެ އުޅަނދެއްގެ ފޯޓޯ ނަގާ އެ ފޮޓޯ ޑޭޓާބޭސްއަށް ފޮނުވުމަށްފަހު އުޅަނދުގެ ވެރިފަރާތަށް ޖޫރިމަނާގެ ޢަދަދު އެސްއެމްއަކުން އެންގިގެންދާނެ ކަމަށެވެ. އަދި އޮންލައިންކޮށް އެ ޖޫރިމަނާ ދެއްކޭނެކަމަށް ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން ޓްރެފިކް ބެލެހެއްޓުމަށް ނެރޭ 131 ފުލުހަކު ނެރުމުގެ ބަދަލުގައި އެ ޢަދަދު މަދުކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވާހަކަފުޅުގައި އާބާދީގައި 3،000 އަށްވުރެ މަތީ ރަށްރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމްކޮށް އެއަށްވުރެ އާބާދީ މަދު ރަށްރަށުގައި ޕޮލިސް ޑެސްކުތަކެއް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށެވެ. ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްވީ ފުލުހުންނަށާއި، އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ފުލުހުންނާއި، އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ފިލައާއި ކުލަ ދެއްވާފައެވެ.