ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ މައްސަލައަށް އޮތް ޙައްލު މިސަރުކާރުގެ ލިސްޓުގެ އެންމެ ކުރީގައި


  • 5 ފަހަރެއްގެ މަތިން އެކި ސްކޫލްތަކަށް ވަނީ ބަދަލުކޮށްފައި

  • އައު ޢިމާރާތުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ

  • މިކަމަށް ދާއިމީ ޙައްލެއް މިސަރުކާރުން ގެނެސްދެއްވާނެކަމަށް

އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ސްކޫލާމެދު ނިމިދިޔަ \ސަރުކާރުތަކަކުންވެސް ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ފާހަގަކުރެއެވެ. ރާއްޖޭގައި އެތައް ސްކޫލެއް ތަރައްޤީކޮށް ނިންމާ އައު ޢިމާރާތްތަކުގައި ކިޔަވައިދޭން ފަށާފައިވީނަމަވެސް ޢަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސްކޫލަށް އައު ޢިމާރާތެއް ނުލިބުމެވެ. އަބަދުވެސް ކިޔަވައިދޭން ޖެހެނީ ބައު ޢިމާރާތްތަކުގައެވެ.

ޗާންދަނީ މަގުގައި ހުރި ޢަރަބިއްޔާ ސްކޫލް ޢިމާރާތަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރި އިންސްޕެކްޝަނަކަށްފަހު ނިންމީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ އެ ސްކޫލުގެ ޢިމާރާތުގައި ރެނދުލައި އެކިތަންތަނުން ވެއްޓެން ކައިރިވުމުންނެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ ބޮޑު ކަންބޮޑުވުމަކާއެކު މިމައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށް ނިންމަވާ އޭރު ސަރުކާރުން ނިންމެވީ ޢިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރުމަށެވެ. އެހެންނަމަވެސް އެނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ނުދެކޭކަމަށް ބުނެ ބެލެނިވެރިން އެކަމާއި ދެކޮޅު ހެދުމުން ސަރުކާރުންވަނީ، ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީހުރި، ފޮރިންގ މިނިސްޓްރީގެ ވަގުތީ ޢިމާރާތެއްގެ ގޮތުގައި އޭރު ބޭނުންކުރި އެމްޓީސީސީގެ ޢިމާރާތް ޢަރަބިއްޔާ ސްކޫލް ކުދިންނަށް ވަގުތީގޮތުން ދޫކޮށްފައެވެ.

ސްކޫލް ކުދިންގެ އިތުރު ޙަރަކާތްތައް ހިނގުމުގެ ފުރުސަތު އެއްވެސް ގޮތަކަށް ނެތުމާއެކު ޢަރަބިއްޔާގެ ދަރިވަރުންގެ އިތުރު ހަރަކާތްތައް ހިނގުމަށް އެހެން ސްކޫލްތަކުގެ ހޯލްތަކަށް ބަރޯސާވާންޖެހުނެވެ. އެހެންނަމަވެސް އެއީވެސް އެދެވޭ ޙައްލެއް ނޫނެވެ. އަދި އެކަންވީ ދަރިވަރުންނަށާއި ބެލެނިވެރިން އުފުލަންޖެހުނު ބޮޑު ތަކުލީފަކަށެވެ.

މިމައްސަލައާއި ގުޅިގެން ޢަރަބިއްޔާގެ ބެލެނިވެރިންވަނީ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. އަދި ޢަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން އަޑުއައްސަވާ ރައީސް ޞާލިޙް ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ކުރީގެ ބައު ޖަމާލުއްދީން ހުރި ބިން ހަމަޖައްސަވާދެއްވާފައެވެ.

ޢަރަބިއްޔާގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވާފައިވަނީ 14 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ. މަސައްކަތް އަވަސްކުރުމަށްޓަކައިކަމަށް ބުނެ އޭރު ސަރުކާރުން މިމަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ ސެލެކްޓިވް ބިޑަކުންނެވެ. އޭރު އެޑިއުކޭޝަނުން ވިދާޅުވީ މިމަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހަށް އެއްކޮށް ނިންމާ 2024 ވަނަ އަހަރުގެ ތެރޭގައި ކިޔަވައިދޭން ފަށާނެކަމަށެވެ.

ކޮންޓްރެކްޓްގެ މުއްދަތު ހަމަވީއިރުވެސް އެއްވެސްކަމެއް ނުކުރެވޭ!

އަމީން ކޮންސްޓްރަކްޝަނާއި ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމަށްފަހު އެތަނުގައި ހުރި ކުރީގެ ޖަމާލުއްދީން ސްކޫލްގެ ޢިމާރާތް ތަޅާލުމަކީ ވަކި މަސައްކަތެއްގެ ގޮތުގައި ވެލް ޓްރޭޑިންގ ކިޔާ ކުންފުންޏަކާއި 2.4 މިލިއަން ރުފިޔާއަށްވަނީ ޙަވާލުކޮށްފައެވެ. 75 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މަސައްކަތް ނިންމާލެވުނީ ޙަވާލުކުރި މުއްދަތު ވަރަށް ބޮޑަށް ދިގުލައިގެން ދިޔުމަށްފަހުގައެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވީއިރު އެތަނުގައި ހުރި ޢިމާރާތް ތަޅާލުން ފިޔަވާ އިތުރު ޢަމަލީ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

މިމުއްދަތުގެ ތެރޭގައި ޢަރަބިއްޔާގެ ކިޔަވައިދިނުމަށް ކުރިމަތިވަމުންދިޔަ މައްސަލަތަކާއެކު އިތުރުވަމުންދިޔަ ޝަކުވާތަކަށް ޙައްލެއް ގެނައުމަށް އޭރުގެ ސަރުކާރުންވަނީ މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު މިއަހަރުގެ މެދުތެރޭގައި ޢަރަބިއްޔާގެ ދަރިވަރުން ކުރީގެ ދަރުމަވަންތަ ސްކޫލްގެ ވަގުތީ ޢިމާރާތަށް ބަދަލުކުރައްވާފައެވެ.

މިއީ ޢަރަބިއްޔާގެ ފަހުގެ ތާރީޚެވެ. ކުރިއަށް ޖެހިލާއިރު އެސްކޫލް ވަނީ ކުރީގެ އީޕީއެސް ސްކޫލާއި މަޖީދީމަގައި މިހާރު ޓާޓާ ފްލެޓު ހުރިތަނުގައި ހުރި ސްކޫލެއްގެ އިތުރުން މަންދުކޮލެޖު ހިންގި ޢިމާރާތުގައިވެސް ހިންގާފައެވެ.

ޢަރަބިއްޔާގެ މައްސަލައަށް ހައްލެއް ބޭނުންވެފައިވަނިކޮށް، ވެރިކަމަށް ވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ގޮތުގައި ހިމަނުއްވާ އެމަނިކުފާގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވާނެކަންކަމުގެ ތެރޭގައި ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްވަނީ ލިސްޓުކުރައްވާފައެވެ. އަދި މިހާރު ރައީސުލްޖުމްހޫރިއްޔާވަނީ ޢަރަބިއްޔާ އެޅުމަށްޓަކައި ކުރީގެ 2 ނަމްބަރު ކުނި ކޮށި ހިމެނޭ ސަރަޙައްދު ހަމަޖައްސަވާފައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ކުރިން މިމަސައްކަތް ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރާއި މަޝްވަރާކުރަމުން އަންނަކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ޢަރަބިއްޔާ ސްކޫލަކީ ޚާއްސަ އިސްކަމެއް ދެއްވާތަނެއްކަމުގައި އެއިރެއްގައި އޮންނަ ސަރުކާރަކުން ވިދާޅުވެއެވެ. އެހެންނަމަވެސް ޢަރަބިއްޔާގެ ތާރީޚުގައި އެކިފަހަރުމަތިން އެކި ތަންތަނަށް ބަދަލުކޮށް ދާއިމީ އެއްވެސް ޙައްލެއް ނުލިބި ހުރި ހަމައެކަނި ސްކޫލަކީ އެއީއެވެ. ރާއްޖޭގައި ޢަރަބި މީޑިއަމަށް މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ މަންހަޖާއި އެއްގޮތަށް ކުރިއަށްގެންދާ މިސްކޫލަށް ދާއިމީ ޙައްލެއް ލިބިގެންދިޔުމަކީ ކޮންމެ ދަރިވަރަކު އަދި ބެލެނިވެރިޔަކު ކުރާ އުންމީދެވެ.