ޚަބަރު

ބޯންމެރޯއަށް ފޮނުވާ ފުރަތަމަ ކުއްޖާ މިފެށޭ ހަފްތާގައި ފޮނުވަނީ


  • ބޯންމެރޯއަށް ފުރަތަމަ ފޮނުވަނީ 9 އަހަރުގެ އަންހެން ކުއްޖެއް

  • ބޯންމެރޯއަށް ފޮނުވުމަށް 5 ކުއްޖަކު ވަނީ ތައްރާރުވެފައި

  • ޑޮނަރެއް ހޯދާފައިވާ 40 ޕޭޝަންޓުން މިވަގުތު ލިސްޓުކުރެވިފައިވޭ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާ ފުރަތަމަ ކުއްޖާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ބޯން މެރޯ ހެދުމަށް ފުރަތަމަ ފޮނުވަނީ ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖެކެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެއެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ. ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބައެކެވެ. ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.

ތެލަސީމިއާއަށް ފަރުވާހޮދާ މީހުންނަށް ދަޢުލަތުން ޚަރަދުގައި ބޯންމެރޯ ހެދޭގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މި ހަފްތާގައި ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި މައްސައްކަތް ކުރިއަށްގެންދަވާނެ ގޮތުގެ ތަފްސީލު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޙިއްސާކުރައްވަމުން، ސިއްޙީ ވުޒާރާގެ ސީނިއަރ ސްޕެޝަލިސްޓް ރަޖިސްޓްރަރ ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ، ބޯންމެރޯ ހެދުމަށް ޝަރުތު މަވާ 40 ކުދިން މިވަގުތުވެސް ލިސްޓްކުރެވިފައި އެބަތިބިކަމަށެވެ. މި ކުދިންނަަކީ އާއިލާގެ ތެރެއިން، ބޯންމެރޯ ޑޯނަރެއް ލިބިފައިވާ ކުދިންކަމަށް ޑރ.ޢުމަރު ވިދާޅުވިއެވެ.

އޭގެތެރެއިން 5 ކުއްޖަކު މިހާރު ތިބީ، ފަރުވާއަށް ފޮނުވޭވަރަށް ތައްޔާރުވެފައެވެ. ޑރ.ޢުމަރު ވިދާޅުވީ ސަރުކާރުން ޢަމާޒުކޮށްފައިވަނީ، ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ފޮނުވުމަށްކަމަށެވެ.

އެގޮތުން ފުރަތަމަ ބެޗުގެ ކުދިން ފަރުވާއަށް ފޮނުވަނީ، މިކަމުގައި މި ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ އިންޑިއާގެ ހޮސްޕިޓަލަކަށްކަމަށް ޑރ.ޢުމަރު ވިދާޅުވިއެވެ. ޑރ.ޢުމަރު ވިދާޅުވީ، ކުދިން ބޯންމެރޯއަށް ބޭރަށް ފޮނުވަނީ، ކުދިންގެ ސިއްޙީ ޙާލަތު އެކަމަށް ތަންދޭކަން ކަށަވަރުކުރުމަށް، ބޯންމެރޯ ހަދާ ހޮސްޕިޓަލްގެ ޓީމުން ރާއްޖެ އައިސް ކުއްޖާގެ ޙާލަތު ދެނެގަތުމަށްފަހުގައިކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޓެސްޓްތައް ފުރިހަމަކުރުމަށްފަހުކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"މިވަގުތު 5 ކުއްޖަކު ތިބީ ބޯންމެރޯއަށް ފޮނުވަން ބޭނުންވާ، ހުރިހާ ޕްރޮސީޖަރތައް ފުރިހަމަކޮށްފައި. މީގެތެރެއިން ފުރަތަމަ ކުއްޖާ އަންނަ ހަފްތާގައި ފޮނުވާލެވޭނެ. އަދި އާއިލާގެ ތެރެއިން ޑޯނަރެއް ލިބިފައި ތިބި 40ކުދިން އެބަތިބި. މި ކުދިންވެސް ފުރުޞަތު ލިބެމުންދާވަރަކުން ފޮނުވާނަން." ޑރ.ޢުމަރު ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިއްޙީ ވުޒާރާ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވީ، ކުދިން ފޮނުވުމަށް ތަރުތީބުކުރާނީ، ފަރުވާއަށް ކުދިންގެ ސިއްޙީ ހާލަތު ތައްޔާރުކުރެވިފައިވާ މިންވަރަށް ބަލައިގެންކަމަށެވެ.

އެގޮތުން ޑޯނަރެއް ލިބިފައިވީނަމަވެސް، ކުއްޖާގެ ހަށިގަނޑުގެ ދުޅަހެޔޮކަން އެކަމަށް ތަން ނުދޭނަމަ އޮޕަރޭޝަން ކުރުމަށް ހުރަސްތައް ދިމާވާނެކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޑޯނަރެއް ލިބިފައި ތިބި ކުދިން، އެ ކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ތިބި، އޮޕަރޭޝަނަށް "ފިޓް" ކުދިންނަށް ހެދުމަށް ޕޭޝަންޓުންނާއި އާއިލާއިންވެސް މަސައްކަތް ކުރައްވަންޖެހޭކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް ދަގަނޑުގެ ބައި ދަށްކޮށް، ހަށިގަނޑުގެ މުހިންމު ގުނަވަންތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އިސްކަންދޭންޖެހޭކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

"އަމާޒަކީ އަންނަ އަހަރު 10 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވުން. ކުދިން ވިސްނަންވަނީ "ފިޓް"ކުދިންގެ ލިސްޓްގައި ހިމެނުމަަށް. އޭރުން އަވަހަށް ފަރުވާއަށް ދެވޭނީ." ޑރ.ޢަޝްރަފް ވިދާޅުވިއެވެ.

ޑރ.ޢުމަރު ވިދާޅުވީ، ކުދިން ފޮނުވާ ހޮސްޕިޓަލްތައް ކަނޑައަޅަނީ އެކަމުގައި އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އޮތް ހޮސްޕިޓަލްތައް ބަލައިގެންކަމަށެވެ. އެގޮތުން އިންޑިއާގެ އިތުރުން، އިޓަލީފަދަ އެހެން ޤައުމުތަކަށް ފޮނުވުމަށްވެސް ބަލަމުންދާކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ލިސްޓްކުރެވިފައިވާ 40 ކުދިންގެ އިތުރުންވެސް، ބޯންމެރޯއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެގޮތުން ތެލަސީމިއާ ސެންޓަރަށް އެކަން ހުށައެޅުމުން، ފައުވާއަށް ދާން ތައްޔާރުވުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ ފުރުޞަތު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ހަމަޖައްސަވާނެކަމަށް ޑޮކްޓަރ އަޝްރަފް ވިދާޅުވިއެވެ.

ޑޮކްޓަރުން ވިދާޅުވީ، ބޯންމެރޯއަށް ދާން ބޭނުންވާ ކުއްޖާ އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، ކުއްޖާ ގަވައިދުން ލޭއެޅުމާއި ބޭސް ބޭނުންކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރުމަށްކަމަށެވެ.