ޚަބަރު

ސިޔާސީ މަސައްކަތާ ދުރަށްދާން ނިންމައިފިން: ނަޝީދު


  • ނަޝީދަކީ ރާއްޖޭގެ ފުރަތަމަ އިންތިހާބީ ރައީސް

  • ޑިމޮކްރަސީ ގެނައުމުގައި ނަޝީދުގެ ހިއްސާ ބޮޑު

  • އެމަނިކުފާނު ވަނީ ބޭރު ޖަމުއިއްޔާއެއްގެ އިސް މަޤާމަކަށް އައްޔަންކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަހަރުތަކަކަށް ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށާއި، ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވާދަ ނުކުރުމަށް ނިންމާފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި އެހެން ބައެއް ޤައުމުތައް ގުޅިގެން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެމަނިކުފާނު އައްޔަންކޮށްފައިވާކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންބަރު އިންތިހާއަށް ތަނަވަސްވާނޭކަމަށެވެ. އަދި ކުރިއަށް އޮތް ޖެނުއަރީމަހުން ފެށިގެން އެ މަޤާމު އަދާކުރައްވަން ފައްޓަވާނޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ބަޔާނުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އެކި ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅާއެވެ. އަދި އެމަނިކުފާނަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައާއި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.