ޚަބަރު

އަންނަ ދިރާސީ އަހަރު ހުރިހާ ސްކޫލްތަކެއްގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިންގާނަން: ޑރ.ޝަފީޢު


  • ވަޒީރު މިހެން ވިދާޅުވީ ހުރަވީ ސްކޫލްގައި "ހުނަރުވެހި" ހުޅުއްވާދެއްވުމަށްފަހު

  • މިއީ އެމްއޭސީއެލްގެ އެހީގައި ތަރައްޤީކުރި ވޮކޭޝަނަލް ހަބެއް

  • ސަރުކާރުގެ ޢަމާޒަކީ ކޮންމެ ކުއްޖަކީވެސް ހުނަރެއް ދަސްވެފައިވާ ކުއްޖަކަށް ހެދުން

އަންނަ ދިރާސީ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް، ތަޢުލީމުގެ ތެރެއިން ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ތަޢުލީމާއި ބެހޭ ވަޒިރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްޕީއެލްގެ ސީއެސްއާރްގެ ދަށުން ހުރަވީ ސްކޫލްގައި ޤާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުއްވައިދެއްވާފައެވެ.

މި ވޮކޭޝަނަލް ހަބަކީ، ދިރިއުޅުމާއި ވަޒީފާގެ މައިދާނަށް ޝަޢުގުވެރި ދަރިވަރުންތަކެއް ތަމްރީންކުރުމަށް ޤާއިމުކުރި ހަބެކެވެ. ހަބުގައި އެކިކަހަލަ މަސައްކަތްތެރިކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދީ، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު، ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޢަމާޒުކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުޞަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ހުނަރެއް އެނގޭ ކުދިންނަށް ހައްދަވާނެ ކަމަށް ވެސް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަންނަ އަހަރު ސްކޫލްތަކުގެ ނިޒާމަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ތަޢާރަފުކުރާނަން. އެކަން މަތީތަޢުލީމުގެ ވުޒާރާއާއެކު، ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މި ފުރުޞަތު ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާއަށްވެސް އަދި އެންމެ މޮޅު ކުއްޖާއަށްވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ، ޤައުމަށް ބޭނުންވާ ހުނަރުވެރިން ތަމްރީންކުރުމުގައި އެމްއޭސީއެލްގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކަށް ވެގެންދަނީ، ކުރިމަގުގައި ކުންފުނިތައް ހިންގުމަށް ޤާބިލު ޖީލެއް ބިނާކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތާނގައި، ގްރޭޑް 10ނިންމާ ދަރިވަރުންނަށް ޚާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައްވެސް ހިންގަވާނެކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި. އަޅުގަނޑުމެންގެ ބޮޑު ޒިންމާއެއް ވަޒީފާގެ މައިދާނަށް މީހުން އުފެއްދުން. ކުރިއަށްއޮތްތާނގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށްވެސް ހުޅުވާލާނަން. "ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ޢަމާޒަކީ، ވަޒީފާގެ މައިދާނަށް ހުނަރުވެރި ޤާބިލު ޖީލެއް ބިނާކުރުމެވެ. އެގޮތުން ސްކޫލްގެ ތަޢުލީމީ ނިޒާމުގައި ހިމަނައިގެން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.