ޚަބަރު

ދިވެހިންނަށް ޝެންގެން ވިސާ ހޯދަން ފަސޭހަކުރެއްވުމަށް މަޝްވަރާކުރައްވައިފި


  • ފަތުރުވެރިކަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ މަޝްވަރާވެސްކުރެއްވި

  • ދިވެހިރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރު

ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން ނެދަލެންޑްސްއާއެކު މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ އޮފް ސޯޝަލް އެފެއާޒް އެންޑް އެމްޕްލޯއިމަންޓް ކަރީން ވަން ޚަނިޕްއާ ބައްދަލުކުރައްވައެވެ.

‎މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، ވަނީ ދެ ޤައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ފަތުރުވެރިކަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

‎މީގެ އިތުރުން، މި ދެ ބޭފުޅުން ވަނީ ދެޤައުމު ގުޅިގެން ޒުވާނުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިބައްދަލުކުރެއްވުމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ޤައުމުގެ އަމިއްލަ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ހާމަކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އެކުގައި މަސައްކަތް ކުރުމަށާއި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރިހަމަ އަޒުމުގައެވެ.

‎ދިވެހިރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.