ކްރިސްޓިއާނޯ ރޮނާލްޑޯ މި އަހަރު ކާމިޔާބުކުރި 50 ވަނަ ލަނޑާއެކު ސައުދީ ކިންގް ކަޕުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ރޭ ރަށުން ބޭރުގައި އަލް-ޝަބާބް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް އަލް ނަސްރު ދަތުރުކޮށްފިއެވެ.
ސައުދީ ވެރިރަށް ރިޔާދުގެ ކިންގް ފަހުދު އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އަލް ނަސްރުން ކާމިޔާބުކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ނެގުމަށް އަލް-ޝަބާބަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ބެލްޖިއަމްގެ ފޯވާޑް ޔަނިކް ކަރަސްކޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއެވެ. އޭގެ ދެ މިނެޓު ފަހުން އަލް ނަސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ސެކޯ ފޮފާނާއެވެ.
އަލް-ޝަބާބުން މި މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކާލޯސް ޖޫނިއާއެވެ. އޭގެ ހަތަރު މިނެޓު ފަހުން އަލް ނަސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެނަގާލްގެ ފޯވާޑް ސަޑިއޯ މާނޭއެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ މިޑްފީލްޑަރު އަބްދުއްރަހްމާން ގަރީބެވެ. މިއީ އެ ޓީމުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަލް ނަސްރުން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިއަހަރު ރޮނާލްޑޯ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
މި މެޗުގައި އަލް-ޝަބާބުން ކަމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ހަޓަން ބަހްބްރީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ނަސްރުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މަރަންއެވެ.