ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް


  • ޢަބްދުއްރަޙީމަކީ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާ

  • މީގެކުރިން މިރޭންކަށް އަރާފައިވަނީ (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރާއި،(ރިޓަޔަޑް) ޢަބްދުﷲ ޝަމާލްއަށް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވާފައެވެ. އަދި ޗީފް އޮފް ޑިފެންސްއަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.

މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރާއި، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) ޢަބްދުﷲ ޝަމާލްއެވެ.